ސަރުކާރާ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން، އެ ޕާޓީއާ އަލަށް ގުޅުނު 12000 މީހުންގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިލެކްޝަން ކޮމިޝަނަށް ފޯމްތައް ހުށަހެޅުއްވުމަށް ފަހު އާދީއްތަ ދުވަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކޮށް، މެންބަރުން ވަންނަ މިންވަރަކުން ފޯމްތައް ހުށަހެޅުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

އެގޮތުން، އަންނަ ޑިސެމްބަރު މަހުގެ ކުރިން އިތުރު ފޯމްތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ފޯމްތަކާއެއްކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީގެ މެންބާޝިޕް ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ވުރެ ބައިލައްކައަށް ވުރެއް މައްޗަށް އަރައިގެންދާނެ ކަމަށް. އަޅުނގަޑުމެންގެ ޓާގެޓަކީ ބައިލައްކާގައި އެމްޑީޕީގެ މެންބާޝިޕް ބޭއްވުން،" ޗެއާޕާސަން ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނަށް ޕާޓީއަކަށްދޭ ފައިސާ އިން ހުރިހާ ރަށެއްގައި ތިބޭ އެމްޑީޕީގެ މެންބަރުންގެ ނިސްބަތުން އެ ރަށެއްގެ އެމްޑީޕީ ގޮފި ހިންގުމަށް ފައިސާ ދިނުމަށް އަންނަ އަހަރު ތަންފީޒުކުރާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ގަދަބާރުން ޕާޓީއަށްވައްދާނެ ޕާޓީއެއް ނޫން. މުޅި މިފްކޯ އެއްކޮށް ޕީޕީއެމް އަށް. ސަރުކާރުގެ ކުންފުނިތައް އެއްކޮށް ޕީޕީއެމްއަށް. މިފަދަ ސުރުހީތަކެއް ސަރުކާރުން ހައްދަވަމުން ގެންދަވަނީ. އެއީކީ ހިތުލޯބިން ވަންނަ ބައެއްނޫން،" ޗެއާޕާސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަކާ ކުރިމަތިލާން ބޭނުންވަނީ ތައްޔާރުވެގެން ކަމަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވަނީ، އިލެކްޝަންސް ކޮމިޝަނަށް ހުރިހާ ސިޔާސީ ޕާޓީއެއް މަޝްވަރާކޮށްގެން ރައްޔިތުންގެ އިތުބާރު ހިފޭ ބަޔަކު ލުމަށް ރައީސް ޔާމީނަށް ގޮވާލައްވައިފަ އެވެ.

"އެބްސެލިއުޓް މެޖޯރިޓީއެއް[ސާފު ސީދާ އަޣުލަބިއްޔަތު] އޮތުމަކީ ބޭނުންހާ ގޮތަކަށް ކަންކުރާ ގޮތަކަށް ނަހައްދަވައި ރާއްޖޭގެ އިންތިހާބުތަކަކީ އިތުބާރު ހިފޭ އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބުތަކަކަށް ހެއްދެވުމަށް ރައީސް ޔާމީނަށް ގޮވާލަން،" އަލީ ވަހީދު ވިދާޅުވި އެވެ.