27 Oct 2014, 01:42
ކައުންސިލްތައް ހިންގުމުގައި ދަތިތަކާ ވެސް ކުރިމަތިވާނެ ކަމަށާއި ނަމަވެސް އެ ދަތިތައް ހުރަސްނުކޮށް، ވާން އޮތް ކަމެއް ވެސް ނުކުރަން ތިއްބަވާ ބޭފުޅުން އެއްފަރާތަކަށް ޖެހިވަޑައިގަތުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. މުހައްމަދު ލަތީފު ގޮވާލައްވައިފި އެވެ.
އިންސްޓިޓިއުޓް އޮފް ގަވާނަންސް އެންޑް ޑިވެލޮޕްމަންޓް (އައިޖީޑީ) އިން ކުރިއަށް ގެންދިޔަ "ސެޓްފިކެޓް ވަން އިން ޑިވެލޮޕްމަންޓް މެނޭޖްމަންޓް [ސީޑީއެމް]"ގެ 18 ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް މިރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ ދަތިކަމުގެ ތެރެއިން ވެސް ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި އެކަން ނުކުރެވޭނެނަމަ އެއީ ކައުންސިލަރެއްގެ މަގާމަށް އެންމެ އެކަށޭނަ މީހަކަށް ނުވާނެ ކަމަށެވެ.
"ކޮންމެ ދާއިރާއެއްގައި ވެސް ކަންކަން ކާމިޔާބު ކުރުމަށްޓަކައި ދަތިކަންކަން ހުންނާނެ. 'ނެތް، ނެތް' ކިޔާފައި ފާލަމެއް އަޅަން ވިޔަސް އެކަން ނުކޮށް ހުންނަ މީހަކު ރަނގަޅު ވާނީ އިސްތިއުފާ ދިނުން،" ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ ކައުންސިލްތައް ހިންގުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ ވަސީލަތްތައް ލިބުން ބައެއް ފަހަރު ދަތިވެދާނެ ކަމަށާއި ނަމަވެސް އޭގެ މާނައަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ދިނުން ވެސް ހުއްޓާލައިގެން ތިބުން ނޫން ކަމަށެވެ.
"ފަހަރެއްގައި ބަޖެޓް ލިބުން ދަތިވެދާނެ. ނޫނީ އެކަށީގެންވާ ބަޖެޓެއް ނެތިދާނެ. އޭގެ މާނައެއް ނޫން ކަމެއް ނުކޮށް މިކަމެއް ނުވާނެއޭ ކިޔާފައި ތިބުމަކީ. އެހެން ތިބުމުގެ ބަދަލުގައި ދަތިކަމުގެ ތެރެއިން ވެސް ކަންކަމާ ކުރިމަތިލާން ޖެހޭ. ސިކުނޑީގެ ބޭނުންކޮށްގެން ކަންކަން ހައްލުކުރަން ޖެހޭ،" ލަތީފު ވިދާޅުވި އެވެ.
އައިޖީޑީގެ ފަރާތުން ދެ ހަފްތާގެ މުއްދަތަކަށް ހިންގި ޑިވެލޮޕްމަންޓް މެނޭޖްމަންޓް ކޯހުގައި ކައުންސިލްތަކުން 34 މެންބަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި ކައުންސިލްތަކުގެ މެންބަރުން ހިމެނެއެވެ.