26 Oct 2014, 23:07
އީރާނުގައި މީހަކު މެރިކަމަށް ސާބިތުވި ރޭހެނާހު ޖައްބާރީ،26، ބައިނަލްއަގުވާމީ ފިއްތުންތަކާ ދެކޮޅަށް ދަންޖައްސައި މަރާލައިފި އެވެ.
ބީސީސީ އިން އިއްޔެ ބުނީ ޖައްބާރީ ދަންޖައްސައި ޖަލުގައި އިއްޔެ މަރާލީ، އޭނާ ރޭޕް ކުރަން މަސައްކަތް ކުރި މީހަކު މަރާލިކަން ސާބިތުވުމުން ކަމަށެވެ.
ޖައްބާރީ އަބަދު ވެސް ބުނަމުން އައީ އޭނާ ވަޅިއަކުން ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށާއި އޭނާ އެއް ފަހަރު ހަމަލާދިން ކަމަށެވެ. ނަމަވެސް ތިން ވަނަ މީހަކު އެ ދޭތެރެ އަށް ވަތް ކަމަށެވެ.
ޖައްބާރީ 2007 ވަނަ އަހަރު ހައްޔަރު ކުރީ، އިންޓަލެލިޖެންސް މިނިސްޓްރީގައި ކުރިން މަސައްކަތް ކުރި މޮރްޓާޒު އަބްދޮލާލީ ސަރަބަންދީ މަރާލި ކަމުގެ ތުހުމަތުގަ އެވެ. ޖައްބާރީ މަރާލުމަށް ހުކުމް ކުރީ 2009 ވަނަ އަހަރު އެވެ.
ހިއުމަން ރައިޓްސް ގްރޫޕް، އެމްނިސްޓީ އިންނަނޭޝަނަލް އިން ބުނީ ޖައްބާރީ ދަންޖެއްސުމުން ވަރަށް ބޮޑަށް މާޔޫސު ވެއްޖެ ކަމަށާއި އެއީ ހައްދުފަނައަޅައި ދިއުން ކަމަށެވެ.
ޖައްބާރީ ދަންޖެއްސުން އެމެރިކާ އާއި އިނގިރޭސި ވިލާތުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އިނގިރޭސި ހާރިޒީ ވަޒީރު އީރާނަށް ގޮވާލާފައި ވަނީ މީހުން ދަންޖައްސައި މެރުން ނިމުމަކަށް ގެނައުމަށެވެ.
ޖައްބާރީ މެރުން ހުއްޓުވުމަށް ގޮވާލައި ފޭސްބްކާއި ޓުވީޓާގައި މިދިޔަ މަހު ވަނީ ކެމްޕޭނެއް ލޯންޗުކޮށްފަ އެވެ. ނަމަވެސް އީރާން ނިއުސް އެޖެންސީ އިން ހޮނިހިރު ދުވަހު ބުނީ ޖައްބާރީ ދަންޖައްސައި މަރާލާފައިވާ ކަމަށެވެ. އަދި ބުނީ މޮރްޓާޒު މަރާލީ އަމިއްލަ ދިފާއުގައި ކަން ޖައްބާރީ އަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. މައުލޫމާތު :ބީބީސީ އަދި ނޫސް އެޖެންސީތައް