ކިޔޭވް (އޮކްޓޯބަރ 26): ޔުކްރޭންގެ ޕާލަމެންޓްރީ އިންތިޚާބުގައި އެ ގައުމުގެ ރައްޔިތުން ވޯޓުލަމުން އެބަގެންދެ އެވެ.

ޔުކްރޭންގެ ހުޅަނގަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވާއިރު މިކަމުގެ ސަބަބުން ޔުކްރޭންގެ ދާޚިލީ ބައިބައިވުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުކްރޭންގެ ޕާލަމެންޓަށް 450 މެންބަރުން އިންތިޚާބުކުރުމަށް މިއަދު ވޯޓުލަމުންދާއިރު ޕާޓީ ސިސްޓަމްގެ ތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ 225 މެންބަރުންނެވެ. އަނެއް 225 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަނީ ޕާޓީ ސިސްޓަމުން ބޭރުގައި ވަކިވަކި ދާއިރާތަކަށް ކުރިމަތިލާ މިނިވަން ކެންޑިޑޭޓުންގެ ތެރެއިންނެވެ.

ޔުކްރޭނުން ވަކިވެގަނެ ރަޝިޔާއާއެކު އިއްތިޙާދު ހެދިކަން އިއުލާންކޮށްފައިވާ ކްރައިމިޔާ ސަރަހައްދުގައި މި އިންތިޚާބު ކުރިޔަކަށް ނުދެ އެވެ. އަދި ވަކިވެގަތުމަށް މަސައްކަތްކުރާ އެހެން ދެ ސަރަހައްދު ކަމަށްވާ ދޮނިތްސިކް އާއި ލޮހާނިސްކް ގައިވެސް އިންތިޚާބު ކުރިޔަކަށް ނުދެ އެވެ.

ޔުކްރޭންގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާތަކާ ޙަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ދީން" ބުނާގޮތުން ޔުކްރޭންގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާނީ އެގައުމުގެ ރައީސް ޕެޓްރޯ ބޯޝިންކޯ ގެންގުޅުއްވާ ހުޅަނގަށް ބަރޯސާވުމުގެ ސިޔާސަތުތަކަށް ތާއީދުކުރާ ފަރާތްތަކުންނެވެ. ޔުކްރޭންގެ ރިޔާސީ އިންތިޚާބު ބޭއްވިތާ ހަތަރުވަރަކަށް މަސްތެރޭގައި ބާއްވާ މިއިންތިޚާބަކީ ރައީސް ބޯޝިންކޯގެ ސަރުކާރުގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ އިންތިޚާބެއްކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ތުހުމަތުކޮށްފަ އެވެ. މި އިންތިޚާބު ބާއްވަނީވެސް ސީދާ ރައީސް ބޯޝިންކޯގެ އެދިވަޑައިގަތުމަކަށެވެ. ޕާލަމެންޓްގެ މުއްދަތު ހަމަވެގެނެއްނޫނެވެ. ޔޫރަޕާ ގާތްވުމުގައި ރައީސް ބޯޝިންކޯ ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރެވޭނީ އާ ޕާލަމެންޓެއް އިންތިޚާބުކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަލަށް އިންތިޚާބު ކުރާ ޔުކްރޭންގެ ޕާލަމެންޓުން ރައީސް ބޯޝިންކޯ ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްކުރަމުން ގެންދާނަމަ މިކަން ބަލަން ރަޝިޔާ ނޯންނާނެ ކަމަށާއި ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކާ ގުޅިގެން ޔުކްރޭންގެ އެތެރޭގެ ކަންތައްތައް ބަދަލުކުރުމަށް މިހާރަށް ވުރެ ބޮޑަށް ރަޝިޔާ މަސައްކަތް ކުރާނެކަމަށް މުޙައްލިލުން ދެކެ އެވެ.

ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. (ރޮއިޓާސް)