ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ފަސް މެމްބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ސުމޮޓޯ މައްސަލައަށް އެމްޑީޕީން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި އެވެ.

ޕީޕީއެމުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން ބޭރުގެ އެކިއެކި ޖަމާއަތްތަކާ ގުޅިގެން ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ ކޯޓުގައި މިހާރު ކުރިއަށްދާ ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސްގެ ސުމޮޓޯ މައްސަލައަށް އެމްޑީޕީން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ރާއްޖޭގެ އެކިއެކި މުއައްސަސާތަކުގެ ހުރުމަތް ކަނޑުވަން އެމްޑީޕީން ކުރާ މަސައްކަތަކީ ޕީޕީއެމް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޑިމޮކްރެސީއަށް ގެއްލުން ހުރި އަދި ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދާނޭ ކަންކަމެވެ. އަދި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެއިން ނުރަނގަޅު އަސަރު ކުރުވާނެ ކަމެކެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީގެ ސަރުކާރަކީ ރާއްޖޭގެ ޑިމޮކްރަސީ ބިނާކޮށް ކުރިއަރުވައި އިންސާނީ ހައްގުތަކަށް ފުރިހަމަ އަށް އިހުތިރާމް ކުރާ ގައުމެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއް ކަަމަށެވެ.

ރާއްޖޭގެ ރީތި ނަން ކިލަނބުކޮށްލަން އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ޕީޕީއެމުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ މައްޗަށް ސުމޮޓޯ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިންގަމުން ގެންދަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވާތީ އެވެ. އަދި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އދ. އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެޗްއާރުސީއެމްގެ މެމްބަރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ބުނެފައިވެ އެވެ.