އުސާމާ ބިން ލާދިން ހޯދުމުގެ ނަމުގައި އަފްޣާނިސްތާނަށް އެމެރިކާގެ ލަޝްކަރުތަކާ އެކު 2001 ވަނަ އަހަރު އެރި އިނގިރޭސި ސިފައިން އެގަމުން ފައިބައިފި އެވެ.

ބީބީސީން މިއަދު ބުނީ، އަފްޣާނިސްތާނުގައިވާ އިނގިރޭސީންގެ ބޭސް ކޭމްޕް ބޭސްޓަން ބަންދުކޮށް، އެތަނުގައި ނަގާފައިވާ ދިދަ ތިރިކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ ބޭސް އަފްޣާނިސްތާނު ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެމެރިކާ ސިފައިންނާއި އިނގިރޭސި ސިފައިން ހިއްސާކުރާ ކޭމްޕް ލެދަނެކް ވެސް އަފްޣާން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އިނގިރޭސި ސިފައިން އަފްޣާނިސްތާނުން ފޭބުމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެގައުމުގެ ޑިފެންސް ސެކްރެޓަރީ މައިކަލް ފެލަން ވިދާޅުވެފައި ވަނީ އަފްޣާނިސްތާނުގައި ގޯސްތައް ހެދިފައިވާ ކަމަށެވެ.

"... ގޯސްތަކެއް ވަނީ ހެދިފައި. އެކަމަކު 2001 ވަނަ އަހަރު ސިފައިން ( އަފްޣާނިސްތާނަށް) ފޭބި ފަހުން މިހާތަނަށް ގިނަ ކަންތައްތަކެއް ވަނީ ހާސިލުވެފައި،" އޭނާ ވިދާޅުވެފައިވެ އެވެ.

ބީބީސީ ބުނި ގޮތުގައި އަފްޣާނިސްތާނުގައި އިނގިރޭސިން ހިންގި އޮޕަރޭޝަންތަކުގައި 140000 ސިފައިން ބައިވެރިވި އެވެ. އަދި އެ އޮޕަރޭޝަންތަކުގައި 453 ސިފައިން މަރުވި ކަމަށާއި 19 ބިލިޔަން ޕައުންޑް ހަރަދުވި ކަމަށް ވެސް ބުނެފައި ވެއެވެ.