26 Oct 2014, 16:35
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ފަސް މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި ބްރިޖަށް ފައިނޭންސް ކުރުމަށް ނިންމާނީ އެކަމާ ގުޅޭ ގޮތުން ކުރާ ދިރާސާއަށް ފަހު ކަމަށް ޗައިނާއިން ބުނެފި އެވެ.
ބްރިޖް ސާވޭ ޓީމާއި އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ލިއޫ ގިއާން ވިދާޅުވީ، ރާއްޖޭގައި އަޅާ ބްރިޖަށް ފައިސާދޭން ޗައިނާގެ ސަރުކާރުން ވިސްނާނީ ބްރިޖްގެ ސާވޭތައް ކޮށް ނިމުމުން ކަމަށާއި އެ ސާވޭގައި ފަސް ކަމެއް ބަލާނެ ކަމަށެވެ.
އޭގެތެރޭގައި ޕްރޮޖެކްޓަށް ތައްޔާރުވުމަށް ހަދާ ފީސިބިލިޓީ އާއި އެ ޕްރޮޖެކްޓްގެ ފީސިބިލިޓީ އާއި ބްރިޖް އަޅާ ސަރަހައްދު ބެލުމާއި ބްރިޖް ޑިޒައިން ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ޗައިނާއިންނާއި ރާއްޖެއިން ފައިނޭންސް ކުރާނީ ކިހާވަރެއްކަން ކަނޑައެޅުމާއި އެމަސައްކަތުގެ ހުއްދަ ހިމެނެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޗައިނާއިން ބްރިޖް ޕްރޮޖެކްޓް ސާވޭ ކުރުމަށް ރާއްޖެ ފޮނުވި ޓީމުގައި އަށް އެކްސްޕާޓުން ހިމެނޭ ކަމަށާއި އެ ސާވޭތަކުގެ މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ބްރިޖަށް ފައިސާދޭން ޗައިނާގެ ސަރުކާރުން ވިސްނާނީ ބްރިޖްގެ ސާވޭތައް ކޮށް ނިމުމުން ކަމަށް ޗައިނާ ސަރުކާރުން ބުނުމުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް އެކަމެއް ކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވެންޏާ ކަމަށެވެ. ބްރިޖް އަޅާނެ ތަނާއި ބްރިޖްގެ ޑިޒައިންތައްވެސް ނިންމާނީ ސާވޭއަށްފަހު ކަމަށް އަދީބު ވިދާޅުވި އެވެ.
"މިސާލަކަށް އޭގެ ބުޑަކީ މާލޭގައި ނޭޅޭނެ އެއްޗަކިއްޔޯ މިސާލަކަށް. އެހެންވިއްޔާ އެކަހަލަ ހާލަތެއް ދޯ އަންނާނީވެސް. އެހެންވެ ބަރާބަރަށް ސްޓަޑީތައް ހެދެމުން މިދަނީ،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ، ބްރިޖްގެ ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ރާއްޖެއަށް އެހީއެއް ލިބޭނެ ކަމަށާއި އެ ޕްރޮޖެކްޓަށް ލޯނު ނަގާނެ މިންވަރެއް އެނގޭނީ ސާވޭއަށް ފަހު ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، ބްރިޖް އެޅުމުގެ ތަފާތު ގޮތްތައް އޮތް އިރު އެކަންކަން ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި މި ސަރުކާރުން ބްރިޖް އަޅާނެ ކަމަށެވެ.