26 Oct 2014, 16:22
ބުރުޒުމަގުގައި ހުންނަ "ޝޯން" ނަމަކަށް ކިޔާ ފިހާރައަށް އައި މީހަކު އެ ފިހާރައިގެ މުދާތަކަށް ގެއްލުންދީ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ކުޑަކުދިންނާ ގުޅޭ ތަފާތު އެއްޗެހި ވިއްކާ އެ ފިހާރައަށް މީހަކު ގެއްލުންދީފައި ވަނީ ފިހާރައިގެ ވިޔަފާރި ކުރަމުންދަނިކޮށް މިއަދު މެންދުރު ފަހު 3:00 ހާއިރު އެވެ.
ފިހާރައިގެ ވެރިމީހާ "ސަން" އަށް މައުލޫމާތު ދެމުން ބުނީ، ފިހާރައަށް ގެއްލުންދީފައި ވަނީ ވިޔަފާރި ކުރިއަށް ދިޔަ ގަޑިއެއްގައި ކަމަށާއި ފިހާރައަށް ވަން މީހަކު އެ ފިހާރައިގެ ބިދޭސީ ސޭޓާ ދިމާއަށް ފިހާރައިގައި ބަހައްޓާފައި ހުރި މުދާތައް އުކައިގަތް ކަމަށެވެ.
"ވަންގޮތަށް އެއްވެސް އެއްޗެއް ނުބުނެ މުދާތައް އުކައިގަތީ ބިދޭސީ މީހާއާ ދިމާއަށް. އުކައިގެންފައި ނުކުމެގެން ދަމުން ދޮރުގެ ބިއްލޫރިގަނޑުގައި ޖަހައި ތަޅާލާފައި ދިޔައީ،" ފިހާރައިގެ ވެރިމީހާ ބުންޏެވެ.
އޭނާ ބުނީ ބިދޭސީ މީހާ އެމީހުންނަށް ގުޅުމުން އެތަނަށް އައި އިރު ފިހާރައަށް ހަމަލާދިން މީހާ ފިލާފައިވާ ކަމަށެވެ.
ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.