26 Oct 2014, 15:23
ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަންކޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އަށް އަނިޔާކުރީ ކޮން ފުލުހެއްކަން އެނގިވަޑައިނުގަންވާ ކަމަށް މާރިޔާ ވިދާޅުވެއްޖެ އެވެ.
މާރީޔާ އެގޮތަށް ވިދާޅުވީ އޭނާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މއ. ރަވްޟާ އިބްރާހީމް ފައިސަލްގެ މައްޗަށް އުފުލާފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގައި ހެކިބަސްދެމުންނެވެ.
ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗާވީ ފަޅިން އެމްޑީޕީގެ ހިނގާލުމުގެ ބައިވެރިންނާ އެކު އޭނާ ވަޑައިގަންނަވަނިކޮށް، އިންޒާރުދިނުމަކާ ނުލައި ފުލުހުން ހިނގާލުން ހުއްޓުވައި "ތަޅައިގަތީ" ކަމަށެވެ. އަދި އެވަގުތު ފުލުހުން ޓިއަގޭސް ބޭނުންކުރުމުން އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށާއި ދެން އިރުކޮޅަކުން ތެދުވެވަޑައިގެން ފިހާރައެއްގެ ތެރޭގައި ހުންނަވަނިކޮށް ކުލަހެދުމުގައި ހުރި ފުލުހަކު އެތަނަށް ވަދެ ކާޑު ދެއްކުމަށް ފަހު ރީކޯ އާއި މާރިޔާ ކޮބައިހޭ ސުވާލުކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
މާރިޔާ ވިދާޅުވީ ފުލުހުން އޭނަ އަށް އަނިޔާ ކުރި ކަމަށާއި އެހެންނަމަވެސް އެއީ އެކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ފައިސަލް ކަމެއް ނުވަތަ އެހެން މީހެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"[އަޅުގަނޑަށް އަނިޔާ ކުރީ] އިބްރާހީމް ފައިސަލޭ އެހެންމީހެކޭ ދަންނަވަން އަޅުގަނޑަކަށް ނޭނގެ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާއާ ސުވާލު ކުރުމަށް ފައިސަލަށް ވެސް ގާޒީ ފުރުސަތު އެރުވި އެވެ. ނަމަވެސް އޭނާގެ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ މާރިޔާއާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.