26 Oct 2014, 14:42
ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަސް ޖެހުނު މީހުންގެ އަދަދު 10000 އަރައިފި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން ( ޑަބްލިއުއެޗްއޯ) ބުނެފި އެވެ.
ޑަބްލިއު އެޗްއޯއިން މިއަދު ބުނެފައި ވަނީ 10141 މީހަކަށް އެބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 4922 މީހުން މަރުވެފައިވާ ކަމަށެވެ.
ހުޅަނގު އެފްރިކާގެ ތިން ގައުމުކަމަށްވާ ސިއެރަލިއޯންއާއި ގިނީއާއި ލައިބީރިއާގައި އެބޯލާ ވައިރަސް ހަލުވިކަމާ އެކު ފެތުރުމުން ދަނިކޮށް އެބަލި މިހާރު ވަނީ މާލީއަށް ވެސް ފެތުރިފައެވެ. އެގައުމުން އެބަލި ޖެހުނުކަން އެނގުނު އުމުރުން ދެ އަހަރުގެ އަންހެން ކުއްޖާ ވަނީ ހުކުރު ދުވަހު މަރުވެފައެވެ.
އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު 10000 އަށް ވުރެ މަތިވިކަން ޑަބްލިއު އެޗްއޯ އިން ހާމަކޮށްފައި ވަނީ އެބަލި ފެތުރުމަށް ފަހު މިހާރު މުޅިން ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެ ޖަމާއަތުން ބުނާ ނައިޖީރިއާއި ސެނެގާލް ވެސް ހިމަނައިގެންނެވެ. އެބަލި އައިވަރީ ކޯސްޓަށް ވެސް ފެތުރިދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެބޯލާގެ ވަކިވަކި މައްސަލަތަކެއް އެމެރިކާއާއި ސްޕެއިން އިން ވެސް ވަނީ ފާހަގަވެފައެވެ.