26 Oct 2014, 14:19
އަތޮޅުތަކަށް ޚާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ އަތޮޅު ތަކުގެ ފުޓުބޯޅަ މުބާރާތް 2014ގެ ތ. އަތޮޅު ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
އެ އަތޮޅު ވޭމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރި ވެފައިވެއެވެ. އެއީ ވޭމަންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ކަނޑޫ ސްޕޯޓްސް ކްލަބާއި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ވާންދޫ ވިޓްސް ޖަމިއްޔާގެ އިތުރުން ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތު އެވެ.
އިއްޔެ ފެށި މި މުބާރާތް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ވޭމަންޑޫ ޒުވާނުންގެ ގުޅުމާއި ކަނޑޫދޫ ސްޕޯޓްސް ކްލަބެވެ.
އިއްޔެ ކުޅުން މެޗުން 3-0 އިން މޮޅުވީ ވޭމަންޑޫ ޓީމެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަސްވަނަ މިނިޓުގައި ވޭމަންޑޫ ޒުވާޏުންގެ ޖަމިއްޔާގެ އިބްރާހިމް ރިޒްހާން އެވެ.
ދެވަނަ ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ ހަތްވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ޓީމުގެ ކެޕްޓަން އަލީ ނިހާލް އެވެ. އަދި ވޭމަންޑޫ ޓީމުން މެޗުގެ އެންމެ ފަހު ގޯލު ޖަހާފައިވަނީ ފަހު ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ސާލިމް އަހުމަދެވެ.
މުބާރާތުގެ ކޮންމެ ދުވަހަކު އެއް މެޗު ކުޅެން ހަމަ ޖެހިފައިވާއިރު މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ވަންދޫ ވިޓްސް ޖަމިއްޔާ އެވެ.