ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ހުޅުދޫ ކޯޓުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި ތުހުމަތުކުރެވޭ 13 މީހުންގެ ތެރެއިން 12 މީހެއްގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މިއަދު 10:00 ގައި ބާއްވަން ތާވަލްކުރި އެ މައްސަލައިގެ ޝަރީއަތަށް ހާޒިރުވުމުގެ ގޮތުން 11 މީހަކު ކޯޓަށް ދިޔައެވެ. އޭގެތެރެއިން 10 މީހުންގެ ވަކީލު ހާޒިރުވެފައި ނުވާތީ އެ މީހުންގެ ޝަރީއަތް ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ. އަދި އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ދެ މީހަކު ހާޒިރުވެފައިނުވާތީ އެ މީހުންގެ ޝަރީއަތް ވެސް ކުރިއަށްގެންދެވޭގޮތް ވަނީ ނުވެފައެވެ.

މިއަދު ކޯޓަށް ހާޒިރުވި މީހުންގެ ތެރެއިން ސ. ހުޅުދޫ މަދަރުސާދޮށުގޭ ވިޝާހު އަލީގެ ޝަރީއަތް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއަދުގެ ޝަރީއަތުގައި ވަކީލަކު ހަމަޖައްސަން އޭނައަށް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

މިއަދު ކޯޓަށް ހާޒިރުވި މީހުންނަކީ ސ. ހުޅުދޫ ކުދީނާގޭ އަހްމަދު ރިޔާހު އާއި އެރަށު ކުދިމާގޭ އަބްދުﷲ ވާސިގު އާއި އެރަށު ކޮކާހަނދުވަރު އިލްޔާސް ފުއާދު އާއި އެރަށު ނާދީ މުޒުލިފް ޖައުފަރު އާއި އެރަށު ކުރިކީލަގޭ އަލީ ރުޝްދީ އާއި އެރަށު ވެލްބޭކްރެސެންޓް އަލީ މަނިކުފާނު އާއި އެރަށު ސައިފަތްމާގޭ ޝަރުހޫދު އާއި އެރަށު އައްސޭރިވިލާ އަހްމަދު ހާރޫން ހުސައިން އާއި އެރަށު ސީވޭވް އިބްރާހީމް ސަމާހު އެވެ.

ކޯޓަށް ހާޒުރުނުވާ ދެ މީހުންނަކީ ސ. ހުޅުދޫ ސަންފްލާވާ އަހްމަދު އިފްޒާލް އާއި ސ. ހުޅުދޫ ކަޅުމަގިގޭ މޫސާ ޒުބައިރެވެ.

އެމީހުންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއަށް އެންމެން ވެސް އިންކާރުކޮށްފައިވާތީ، އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުމެވެ.

އެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ސ. ހުޅުދޫ ކޯޓު ދޮށަށްއެއްވެ، ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.