ކ. މާފުށީ ޖަލުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ޖަލު ވަށައިގެން އިމާރާތް ކުރާ 20 ފޫޓު ފާރުގެ މަސައްކަތް ކުރާނީ ގައިދީން ކަމަށް ކަމިޝަނަރު އޮފް ޕްރިޒަން މުހައްމަދު ހުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށި ޖަލު ވަށާ 20 ފޫޓުގެ ފާރެއްލުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހުޝާމް ވިދާޅުވީ ޖަލު ވަށާފާރުލުމާއި ރޭނުމާއި ކޮންކްރީޓްގެ ހުރިހާ ކަމެއް ވެސް ކުރަނީ ގައިދީން ލައްވައި ކަމަށެވެ. އަދި ފާރު ރޭނުމުގައި ފަންނީ ކަންކަމުގަޔާއި އިންޖިނިއަރުން ބޭރުން ވަޑައިގެން ތިއްބަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވޯކިން ޓީމް އެއީ އިން މޭޓްސް (ކުށްވެރިން) ލައްވާ އެކަން ކުރާނީ،" ހުޝާމް ވިދާޅުވި އެވެ.

ފާރުގެ ކޮންކްރީޓާއި ރޭނުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވި ގޮތުން ޖަލު ފާރު ރޭނުމުގައި 50 އާއި 100 އާ ދެމެދުގެ އަދަދަކަށް ގައިދީން މަސައްކަތް ކުރާނެ އެވެ. ގައިދީން ލައްވާ މަސައްކަތް ކުރުވާއިރު، އެމީހުންނަށް ދޭން ކަނޑައަޅާފައިވާ މުސާރަ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފައިސާ އިން ގައިދީންގެ އާއިލާއަށް ކަމެއް ދިމާވި ނަމަވެސް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

"އެމީހުންނަށް [ގައިދީންނަށް] މުސާރަ ލިބޭނެ. އެ މުސާރަ ތަކަކީ ޖަލުތެރެއިން ދޭން ކަނޑައެޅިފައި ހުރި މުސާރަތަކެއް. އެ މުސާރަތައް އިންމޭޓްސް [ގައިދީންގެ] އެކައުންޓްތަކަށް ދާނެ. އެ އެކައުންޓަކީ އަޅުގަނޑުމެންގެ ތެރޭ އިންނަ އެކައުންޓެއް. އެކައުންޓުން ބޭނުން ކުރެވޭނީ ދުވާލަކު ވަކި ވަރެއް،" ހުޝާމް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ 4.2 މިލިއަން ރުފިޔާގެ ހަރަދު ކޮށްގެން ރާނާ 20 ފޫޓު އުސް ފާރުގެ ދިގުމިނަކީ 1.4 ކިލޯ މީޓަރު ކަމަށެވެ. ފާރުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފަހު ކޮޅަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ފާރުލުމުގެ މަސައްކަތް 4.2 މިލިއަން ރުފިޔާއަށް ނިންމާލެވެނީ ޖަލު މީހުން އެ މަސައްކަތުގައި ބައިވެރިވާތީ ކަމަށާއި އަދި ވީހާވެސް ހަރަދު ކުޑަކޮށް އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާތީ ކަމަށެވެ.