ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން އެސްޓީއޯ އިން ހާއްސަ ޕްރޮމޯޝަނަކާ އެކު 'ފިޝް ވީކް' އެއް ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން "ފިޝް ވީކް" ގެ ނަމުގައި ކުރިއަަށްގެންދާ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ މިއަދު އެސްޓީއޯ ސުޕަމާޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަންގައި ބައިވެރިވާ ކުންފުނިތަކުގެ އިސް ވެރިންނެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގެ މަގުސަދަކީ ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ތިން ކުންފުނި ކަމަށްވާ މިފްކޯ، ހޮރައިޒަން އަދި އެންސިސް އާއި ގުޅިގެން އެ ކުންފުނިތަކުގެ އުފެއްދުންތައް އެއްތަނަކުން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

އެގޮތުން ފިޝް ވީކް ކުރިއަށްދާ އިރު މިފްކޯ ހޮރައިޒަން އަދި އެންސިސް އިން ކޮންމެ ދުވަހަކު ވެސް ތިން ގަޑިއެއްގައި އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ ރަހަތައް ދައްކާލުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އޭގެ އިތުރުން ވެސް އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ މައުލޫމާތު ސެޝަންތައް ބާއްވައި، ފްރޯޒަން ޗިލްޑް އަދި ޑްރައި ޕްރޮޑަކްޓްތައް ޑިސްޕްލޭ ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ފިޝްވީކް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ސުޕަމާޓް ގައެވެ.