26 Oct 2014, 13:28
ކްރޮއޭޝިއާގެ އިވާ ކަރްލޮވިޗް ގެ މައްޗަށް ކުރިހޯދައި ދުނިޔޭގެ ދެވަނައަށް ރޭންކް ކުރެވިފައިވާ ރޮޖާ ފެޑެރާ އަމިއްލަ ގައުމުގައި މިހާރު ކުރިއަށްދާ ސްވިސް ބާސެލް އޯޕަންގެ ފައިނަލަށް ދަތުރުކުރި އިރު، ވެލެންސިއާ އޯޕަންގެ ސެމީ ފައިނަލުގައި ސްޕެއިންގެ ޑޭވިޑް ފެރާގެ މައްޗަށް ކުރިހޯދައި އެންޑީ މަރޭ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބާސެލް އޯޕަންގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ކަރްލޮވިޗްގެ މައްޗަށް ފެޑެރާ ކުރިހޯދީ 7-6، 3-6 އަދި 6-3 ންނެވެ. އޭޓީޕީ މުބާރާތްތަކުގައި މިހާތަނަށް 12 ފަހަރު މި ދެކުޅުންތެރިން ވާދަކޮށްފައިވާއިރު ފެޑެރާ ވަނީ، އޭގެ ތެރެއިން 11 މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލުގައި 11 ފަހަރު ފެޑެރާ ވާދަކޮށްފައި ވާއިރު އޭނާ ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ފައިނަލުން ބަލިވި އިރު މިފަހަރަކީ މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ފެޑެރާ ކުޅޭ ނުވަވަނަ ފަހަރެވެ.
މިރޭ ކުޅޭ ފައިނަލް މެޗުގައި ފެޑެރާ ބައްދަލުކުރާނީ އިއްޔެ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ކްރޮއޭޝިއާގެ ބޯނާ ކޮރިޗްގެ މައްޗަށް ކުރިހޯދި ފްރާންސްގެ ޑޭވިޑް ގޮފިން އާއި އެވެ. ގޮފިން ކޮރިޗްގެ މައްޗަށް ކުރިހޯދީ 6-4، 6-3 އަދި 6-3 ންނެވެ.
މިހާރު ކުޅެމުން އަންނަ އޭޓީޕީ 500 ގެ މުބާރާތެއްކަމަށްވާ ވެލެންސިއާ އޯޕަންގެ ސެމީ ފައިނަލުގައި އެންޑީ މަރޭ ވަނީ ސްޕެއިންގެ ޑޭވިޑް ފެރާގެ މައްޗަށް ކުރިހޯދާފައެވެ. ސްކޮޓްލޭންޑްގެ އުމުރުން 27 އަހަރުގެ ކުޅުންތެރިއާ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީގެ މެޗުގައި 6-4 އަދި 7-5 ގެ ނަތީޖާ އަކުން ފެރާގެ މައްޗަށް ކުރިހޯދައިގެންނެވެ.
މި މުބާރާތުގެ ފައިނަލުގައި މަރޭ ވާދަކުރާނީ އޮސްޓްރޭލިއާގެ ޓޮމީ ރޮބްރެޑޯ އާއި އެވެ.