26 Oct 2014, 13:17
ގއ. ކޮނޑޭ ކޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކޯޓުގެ ބައެއް ސާމާނަށް ގެއްލުން ވެއްޖެ އެވެ.
ކޮނޑޭ ކައުންސިލްގެ ރައީސް ސިޔާމް މުހައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 ކަންހާއިރު ކަމަށާއި އެ ހާދިސާގައި އެރަށު ކޯޓުގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގައި ބޭނުންކުރާ އިލެކްޓްރިކް ބައެއް ސާމާނު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށެވެ.
" ހުޅުގަނޑާއެކު އަލިފާން ރޯވީކީއެއް ނޫން، ނަމަވެސް ވަރަށް ބޮޑަށް ދުން އެރި. ދެން ކޯޓުގައި ހުރި އަލިފާން ނިއްވާ ފުޅި ބޭނުން ކޮށްގެން އަލިފާން ނިއްވާލީވެސް،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ހާދިސާގައި އެ ސެކްޝަންގައި ހުރި ބައެއް އިލެކްޓްރިކް ތަކެއްޗާއި ކެބިން އަކަށް ގެއްލުވިނަމަވެސް އެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ނުވެއެވެ. އެ ހާދިސާ ހިނގަން މެދުވެރިކަމަށް ބެލެވެނީ ކަރަންޓް ޝޯޓެއް ވުމުން ކަމަށާއި މިހާރު އެ ހާދިސާ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓުގެ ތެރެއަށް މީހަކު ނުވަތަ ބަޔަކު ވަންނަން މަސައްކަތް ކޮށްފައި ހުރި ކަހަލަ ގޮތެއްވެސް ނެތް. އެހެންވެ މި ބެލެވެނީ ކަރަންޓް ޝޯޓެއް ކަމަށް،" ސިޔާމް ވިދާޅުވި އެވެ.