ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަހުމަދު ކ. މާފުށީ ޖަލުން ފިލާފައި ވަނީ ގައިދީންގެ އެހީތެރިކަމާ އެކު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކ. މާފުށީ ޖަލު ވަށާ ބޭރުގައި 20 ފޫޓުގެ އުސް ފާރެއްލުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި މިއަދު މާފުށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އެމީހުން ފިލާފައި ވަނީ ޖަލުގެ ގައިދީންނާ ގުޅިގެން ޖަލުގެ ފާރުތައް މަތިން އަރައިގެން ކަމަށެވެ.

"މިފާރު ރޭނުނު ނަމަ ޖަލުން މީހަކު ފިލާ ކަމަށް ވަންޏާ އެއް ފާރުމަތިން އަރާފައި އަދި މިފާރު (20 ފޫޓުގެ ފާރު) މަތިން ވެސް އަރަންޖެހޭނެ. އަދި މިފާރު މާއުސް ފާރަކަށް ވާނެ،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ނުރައްކާތެރި ދެ ގައިދީން ޖަލުން ފިލުމުގައި ކަރެކްޝަނަލް ސާވިސްގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން އޮތްކަން ނުވަތަ އިހުމާލެއް ވެފައިވާކަން މިހާތަނަށް ކޮށްފައިވާ އެއްވެސް ތަހުގީގަކުން އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ނަމަ ގަވައިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އުމަރު ވިދާޅުވީ އެމީހުން ޖަލުން ފިލުމުގެ ބޭނުމަކީ ހަމައެކަނި ރަށުތެރޭ ޖަލުން ފިލައިގެން އުޅުން ނޫން ކަމަށާއި އެމީހުންގެ ބޭނުމަކީ ބޮޑު ޖަރީމާއެއް ހިންގުން ކަމަށެވެ. އެގޮތުން އެމީހުންގެ ބޭނުމަކީ ރަށުތެރެއަށް ނުކުމެ ނުރައްކާތެރި މަސައްކަތެއްކޮށް ކޮންމެވެސް ބައެއްގެ ފުރާނައަށް ހަމަލާދިނުން ނުވަތަ ބޮޑު ވައްކަމެއް ހިންގުމާއި ބޮޑު ފޭރުމެއް ހިންގުން ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ.

"އެކަމެއް ކުރުމުގައި އެކަހަލަ ޑީލެއް ހޯދުމުގައި އެމީހުން ހޭބޯނާރާ އުޅެނިކޮށް އަޅުގަނޑުމެން ހައްޔަރުކޮށްފައި އެއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޖަލުން މީހުން ފިލޭ އަދަދު މަދުވާނެ ކަމަށާއި ހޯދަން ވެސް ހޯދާނެ ކަމަށެވެ.