މީޑިއާ ކައުންސިލަށް އަލުން ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހަފްތާގައި ހަމަވި އިރު މީޑިއާތަކުގެ ފަރާތްތަކުނާއި އާއްމުންގެ ފަރާތަކާއެކު ޖުމްލަ 40 މީހަކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ކުރިމަތިލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު މިއަދު "ސަން"އަށް ވިދާޅުވީ އެމްއެމްސީ އިންތިހާބަށް މިހާތަނަށް ކުރިމަތިލި 40 މީހުންގެ ތެރޭގައި ހިމެނެނީ މީޑިއާތަކުން ކުރިމަތިލި 16 މީހަކާއި އާންމުންގެ ތެރެއިން ކުރިމަތިލި 25 މީހެއް ކަމަށެވެ. އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އަލަށް ކުރިމަތި އެކަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އޭނަ ނަން އަބުރާ ގެންދިއުމުން މީޑީއާ ކައުންސިލަށް އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ އަދަދަކީ 24 އެވެ.

އެމްއެމްސީގެ މީޑިއާތައް ތަމްސީލުކުރާ އަށް ގޮނޑިއަށް ކުރިން ކުރިމަތިލާފައި ވަނީ 12 ފަރާތަކުނެވެ. އަދި އާންމުންގެ ފަރާތުން މީޑިއާ ކައުންސިލްގައި ތަމްސީލްކުރާ ހަތް މެމްބަރުންގެ މާގާމަށް ވެސް ކުރިން ކުރިމަތިލާފައި ވަނީ 12 މީހެކެވެ. އަލުން ހުޅުވާލި ފުރުސަތުގައި އެ 24 މީހުންގެ ނަން ހުށަހަޅާކަށް ނުޖެހެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މުއްތަދު ހަމަވިއިރު، މީޑިއާ ކައުންސިލަށް އަލަށް ކުރިމަތިލާފައި ވަނީ 17 ފަރާތެކެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑީއާތަކުން އަލަށް ކުރިމަތިލި ހަތަރު މީހަކާއި އާންމުންގެ ތެރެއިން ކުރިމަތިލި 13 މީހެކެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުނާއެކު ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. އާންމު މެމްބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފާރާތްތަކެވެ.

މީޑިއާ ކައުންސިލަށް އާއްމުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކުގެ ތެެރެއިން 14 ފަރާތެއް ކަނޑައަޅުއް ވާނީ ހޯމް މިނިސްޓަރެވެ. އަދި 14 ފަރާތުން އިންތިހާބްގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ތިން ފަހަރެއްގެ މަތިން ހުޅުވާލުމަށް ފަހު، މިހާރު އެ ކައުންސިލްގެ އިންތިހާބް ބޭއްވުމަށް ހަމަޖައްސާާފައިވަނީ އަންނަ މަހުގެ 20 ގަ އެވެ.