އިންޑިއަން ސުޕަ ލީގުގައި ދިއްލީ ޑައިނަމޯސް އިން ޗެންނާއީ އެފްސީ ކޮޅަށް ހަތަރު ލަނޑު ޖަހައި ލީގުގައި އެޓީމު ފުރަތަމަ ފަހަރަށް ބަލިކޮށްފި އެވެ.

ސުޕަ ލީގުގައި ރޭ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ޗެންނާއީ އެފްސީގެ މައްޗަށް ދިއްލީ ޑައިނަމޯސް ކުރިހޯދީ 4-1 ންނެވެ. މިއީ ސުޕަ ލީގުގައި ޗެންނާއީ އެފްސީ ބަލިވި ފުރަތަމަ މެޗެވެ.

މިހާތަނަށް ރަނގަޅު ނަތީޖާ ތަކެއް ނެރެމުން އައި ޗެންނާއީގެ ޓީމަށް ރޭގެ މެޗުގައި ދިއްލީގެ ފޯވަޑް ލައިން ހިފެހައްޓައިލެވޭ ގޮތް ނުވިއިރު އެ ޓީމުގެ ޑިފެންސް ލައިނުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

މެޗުގައި ދިއްލީ ޓީމުން ޖެހި ފުރަތަމަ ގޯލް މެޗު ފަށައިގެން ފުރަތަމަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކުޅުންތެރިއާ ވިމް ރައޭމައެކާސް އެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނިޓުގައި މޭޑްސް ޖަންކާގެ ގޯލުން ދިއްލީން ލީޑު ފުޅާކޮށްފައިވަނިކޮށް ދެވަނަ ހާފުގެ 68 ވަނަ މިނިޓުގައި ޗެންނާއީ އެފްސީގެ ބްރެޒިލް ކުޅުންތެރިޔާ އެލާނޯ ވަނީ ގޯލެއް ޖަހައި އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ސުޕަ ލީގުގައި މިހާތަނަށް އޭނާ ޖެހި ތިންވަނަ ގޯލެވެ. މި މެޗުގައި ދިއްލީ ޓީމަށް ކުޅޭ އިޓަލީގެ ލެޖެންޑް ޑެލް ޕިއެރޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް 79 ވަނަ މިނިޓުގައި ދިއްލީގެ ބުރޯނޯ ހެރޭރޯ ވަނީ އެޓީމަށް އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 3-1 ށް ބަދަލު ކޮށްފައެވެ. ހެރޭރޯގެ ގޯލަށްފަހު މުޅިން ހެން މެޗު ޑޮމިނޭޓް ކުރަމުން ދިޔަ ދިއްލީ ޓީމުން މެޗުގައި ޖެހި ހަތަރުވަނަ ގޯލް އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ގުސްޓާވޯ މަރްމެންޓިނީ އެވެ.

މި ނަތީޖާ އާއެކު ދިއްލީ ޑައިނަމޯސް ވަނީ އައިއެސްއެލް ތާވަލުގައި ފަސް ޕޮއިންޓާއެކު ހަތަރުވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ޗެންނާއީ އެފްސީ ހަ ޕޮއިންޓާއެކު ތިން ވަނައިގައި އޮތް އިރު އަދިވެސް ތާވަލުގެ އެންމެ ކުރީގައި 10 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ ޑި ކޮލްކަތާ އެވެ.