26 Oct 2014, 12:58
ޓީމުގައި ތިބި އެންމެ މުހިއްމު ދެ ފޯވާޑުން ނުލައި ކުޅުނު މެޗު ކާމިޔާބުކޮށް ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ފްރެންޗް ލީގުގެ އެންމެ ކުރީގައިވާ މާސޭއާ ހަތަރު ޕޮއިންޓް ކައިރިއަށް ޖެހިލައިފި އެވެ.
ފްރެންޗް ލީގްގައި ރޭ ކުޅުނު މެޗުގައި ބޯޑޯގެ މައްޗަށް ޕީއެސްޖީން ކުރިހޯދީ 3-0 ންނެވެ. ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް އެޑިންސަން ކަވާނީ އާއި ޒްލަޓާން އިބްރަހިމޮވިޗް ނުލައި މެޗާ ކުރިމަތިލި ޕީއެސްޖީ އިން ޖެހި ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅުންތެރިއާ ލޫކަސް މޫރާ އެވެ. އޭނާ ދެ ގޯލްވެސް ކާމިޔާބުކޮށްފައި ވަނީ ލިބުނު ޕެނަލްޓީ އިންނެވެ. ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 45 ވަނަ މިނިޓުގައި ކާމިޔާބު ކުރިއިރު ދެވަނަ ގޯލް ޖެހީ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ 50 ވަނަ މިނިޓުގައެވެ.
ދެ ރަތް ކާޑު ފެނިގެން ދިޔަ މެޗުގައި ޕީއެސްޖީ އިން ޖެހި ތިންވަނަ ގޯލް މެޗުގެ 81 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފޯވަޑް އެޒެކުއެލް ލަވޭޒީ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އިބްރަހިމޮވިޗްގެ ބަދަލުގައި ޕީއެސްޖީގެ މެނޭޖަރު ލައުރެން ބްލާންކް ވަނީ 21 އަހަރުގެ ކްރިސްޓޮފާ ބަހެބެކްއަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.
މި ނަތީޖާ އާއެކު ފްރެންޗް ލީގު ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 21 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ބޯޑޯ 18 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް އިރު ތާވަލުގެ އެންމެ ކުރީގައި 25 ޕޮއިންޓާއެކު އޮތީ އޮލިމްޕިކް ޑެ މާސޭ އެވެ.