އަންނަ މަހު އޮންނަ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް ގައި ވާދަނުކުރާނެ ކަމަށް ދުނިޔޭގެ ތިންވަނަ އަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފޭލް ނަޑާލް ބުނެފި އެވެ.

މިހާރު ސްވިޒަލޭންޑްގައި ކުރިއަށްދާ ބާސެލް އޯޕަންގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާގެ 17 އަހަރުގެ ބޮރްނާ ކޮރިޗް އަތުން ބަލިވި މެޗައްފަހު ނަޑާލް ބުނީ ސީޒަން ނިންމާލުމުގެ ގޮތުން ކުޅޭ އޭޓީޕީ ފައިނަލްސްގައި ވާދަ ނުކުރާނެ ކަމަށާއި އަންނަ މަހު އެޕެންޑިކްސް ސާޖަރީ ކުރަން ޖެހޭތީ އިތުރު ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށެވެ.

" މިއަދަކީ އަހަރެން މިސީޒަނަށް އަލްވަދާއު ކިޔާނެ ދުވަސް. ސީޒަންގައި ދެން ބާކީ އޮތް ދެ މުބާރާތުގައިވެސް ވާދައެއް ނުކުރާނަން. އަހަރެން ގަޔަކު އެ ފެންވަރެއް ނެތް. މި އަހަރަކީ މެންޓަލީ ގޮތުންނާއި ފިޒިކަލީ ގޮތުންވެސް އަހަރެންނަށް ބޮޑެތި އުނދަގޫ ތަކަކާއި ކުރިމަތިވި އަހަރެއް. އަނެއްކޮޅުން އަންނަ މަހު އެބަޖެހޭ އެޕެންޑިކްސް ސާޖަރީ ކުރަން ވެސް. އެހެންވެ އެއްވެސް ހާލެއްގައި އަހަރެން ބޭނުމެއް ނޫން އިތުރު ރިސްކު ތަކެއް ނަގަން." ކުއާޓާ ފައިނަލް މެޗައްފަހު ވާހަކަދައްކަމުން ނަޑާލް ބުންޏެވެ.

އުމުރުން 29 އަހަރުގެ ސްޕެއިން ކުޅުނުތެރިޔާ ބުނީ މުބާރާތްތަކުގައި ވާދަކުރަނީ ކުއާޓާ ފައިނަލުން ކަޓައިގެންދާން ނޫން ކަމަށާއި އޭނާގެ އަބަދުވެސް އަމާޒަކީ މުބާރާތްތައް ކާމިޔާބު ކުރުން ކަމަށެވެ. އަދި ސީޒަން މިކަހަލަ ގޮތަކަށް ނިންމާލަން ޖެހުމުން ދެރަވާ ކަމަށާއި ނަމަވެސް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

" އަހަރެން ކުޅެނީ ކޮންމެހެން ކުއާޓާ ފައިނަލް ނުވަތަ ސެމީ އިން ކަޓައިގެން ދާކަށެއް ނޫން. އަހަރެން މީ މުބާރާތްތައް ކާމިޔާބުކުރުމުގެ ނިޔަތުގައި ކުޅޭ މީހެއް. ބޮޑަށް ލަފާ ކުރެވެނީ އަންނަ އަހަރު ކުރީކޮޅު ހިސާބު އަސްލު ފެންވަރުގައި ކުޅެވޭނެހެން." ނަޑާލް ބުންޏެވެ.

ނަޑާލް ވަނީ މިއަހަރުގެ ފްރެންޗް އޯޕަން ކާމިޔާބު ކުރުމުގެ އިތުރުން އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ. ނަމަވެސް ސީޒަންގެ ފަހުކޮޅުގައި ނަޑާލްއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާކާ ކުރިމަތިވެފައެވެ. އަނިޔާގެ ސަބަބުން އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން މުބާރާތުގައިވެސް ނަޑާލް ވާދަކޮށްފައި ނުވެއެވެ.