ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި ރައީސް ޔާމީނުގެ ހާރިޖީ ސިޔާސަތަށް ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާ އިން ސިލްކްރޫޓް ގާއިމު ކުރަން ރާއްޖޭން އެހީތެރި ވެއްޖެ ނަމަ ހަރާބު އެކުރެވެނީ އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ކަމަށެވެ.

"... ޗައިނާ ސަރުކާރުން މި ބޭނުންވެލައް ވަނީ ޗައިނާއާ މެދުއިރުމައްޗާއި ގުޅާލެވޭ ނުވަތަ އެފްރިކާޔާ ގުޅައިލެވޭ މި ދިވެހި ރާއްޖެ މެދުން އަޅަން. އެމަގުއަޅާއިރުގައި އަޅުގަނޑުމެން އެބޭފުޅުންނަށް އެހީތެރިވެދޭންވީ. ދިނީމާ އަޅުގަނޑުމެނަށް ހަރާބު މިކުރެވެނީ އިންޑިއާކަނޑުގެ މަސަލަސްކަން. އަޅުގަނޑުމެން ވިސްނުންތެރިކަމާއި ބުއްދިވެރިކަމާ އެކީގައި މިކަން ނުކޮށްފި ނަމަ އަޅުގަނޑުމެން ވެގެން ދާނީ އެންމެ ފަހުން އައިސް މި އިންޑިއާކަނޑުގެ އަރައިރުން މެދުވެރި ކުރި ފަރާތަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ޖުމްލަގޮތެއްގައި ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ "ހަކުރު ދެންޏާ ބޮޑުބޭބެއަށް ވެގެން" ހާރިޖީ ސިޔާސަތެއް ހިންގަވައިފި ނަމަ ރާއްޖެ އެގެންދެވެނީ ނުބައި މިސްރާބަކަށް ކަމަށެވެ.

"...ރާއްޖޭގެ ހާރިޖީ ސިޔާސަތު ދެނެވަޑައިގަންނަވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން، ފުންކޮށް ވިސްނަވާށޭ. ސޮއިކުރައްވާ ގަނޑުތައް ތިޔަބޭފުޅުން ރަނގަޅަށް ބައްލަވާށޭ. ހަމަ ހަކުރު ދެންޏާ ބޮޑުބޭބެއަށް ވެގެން ، ހާރިޖީ ސިޔާސަތެއް ހިންގަވައިފި ނަމަ އަޅުގަނޑުމެންގެ ރާއްޖެ އެގެންދެވެނީ ވަރަށް ނުބައި މިސްރާބަކަށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ސަރުކާރުން ޗައިނާއާއި އެކުގައި ބާއްވަވާ ގުޅުމާ މެދު ނަޝީދު ފާޑުވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން ވަނީ ކުރިއަށް ވުރެ ބަދަހިކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ގޮތުން އެގައުމުގެ ސެންޒަރީ ސިޓީ ނިއު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރު ކޮމްޕެނީ ލިމިޓެޑް އީޓީޖީ އިން ހުވަދު އަތޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އޭރު އެ ކުންފުންޏާ މަޝްވަރާކުރި އެވެ. އަދި އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމަށް ފުރަތަމަ ކުރަން ޖެހެ މަސައްކަތްތައް ކުރުމަށް އެކު "ސްޓްރެޓެޖިކް ފްރޭމްވޯކް ކޯޕަރޭޝަން" އެއްބަސްވުމުގައި 2011 ވަނަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ސޮއިކުރި އެވެ.

"ސްޓްރެޓެޖިކް ފްރޭމް ވޯކް އޮފް ކޯޕަރޭޝަން"ގައި 2011 ވަނަ އަހަރު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީޓީޖީގެ ޗެއާމަން ޑެންހޮން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަޕަ ސައުތު ސަރަހައްދު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ ކުންފުނިން ގަސްދުކުރާ ކަމަށާއި އެކަމަށް އެއްބިލިޔަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ. އަދި އެގޮތުން ތަރައްގީކުރާ ސިޓީގައި ރަނގަޅު ފެންވަރުގެ 8000 ރެސިޑެންޝަލް ޔުނިޓް އިމާރާތްކުރާނެ ކަމަށާއި ދިވެހި ސަރުކާރުން އެއްބަސްވެއްޖެ ނަމަ އެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތާނގައި (ގއ.ގދ)ގައި އަހަރެމެން ރަނގަޅު ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޝޮޕިން ސެންޓަރުތަކާއި މުނިފޫހި ފިލުވާނެ ތަންތަން އަހަރެމެން ބިނާކުރާނަން." ޑެންހޮން ވިދާޅުވި އެވެ.