26 Oct 2014, 12:28
އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރައްވާ އަހުމަދު މުހައްމަދު (އަންޑޭ)އަށް ރުހުން ދޭން ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރައްވާފައިވާ އަންޑޭ އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރަން ރުހުން ދިނީ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާގެ ނަން ދިރާސާ ކުރައްވައި، ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ނިންމާފައިވާ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފަ އެވެ. އިންޑިއާ ސަފީރަކަށް އައްޑޭ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންޑޭއަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު މުހައްމަދު، މި ސަރުކާރުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ވަޑައިގެންނެވީ މިނިސްޓަރު ފެންވަރުގަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ވެސް ވަޑައިގެންނެވީ މިނިސްޓަރު ފެންވަރުގަ އެވެ.