ގަލޮޅުގައި ހުރި އޮފީހެއްގެ ތިޖޫރީއެއް ފަޅައިލައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދިހަ މީހަކު ހައްޔަރުކޮށްފި އެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ގ.ޝަފަގް ފުރަތަމަ ފަންފިލާގައި ހުންނަ އާނެސްޓް އެންޑް ޔަންގް އޮފީހުގެ ތިޖޫރި ފަޅާލި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު 5:00 އެހާކަންހާ އިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެމީހުންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރީ އެ ސަރަހައްދުން ފިލަން ދުވަނިކޮށް ކަމަށެވެ.

އެ އޮފީހުގެ ތިޖޫރީ ފަޅާލައި އެ ތިޖޫރީ އިން 10،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ވަގަށް ނަގާފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.