25 Jan 2011, 13:05
ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހެނދުނު 10 ޖެހިއިރު ކުޅުދުއްފުށީގައި ފަށްޓަވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ކުޅުދުއްފުށީ ބައްދަލުވުން ކުރިއަށް ދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހެނދުނުގެ ދަންފަޅީގައި ވަޒީރުންގެ އިތުރުން، ބައެއް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ޖަލްސާ ހިނގަމުންދަނީ މަތިއުތުރު ޕްރޮވިންސް އޮފީހުގެ ބޮޑު މުޙަންމަދު ކަލޭފާނު މާލަމުގަ އެވެ.
މިއަދު ހެނދުނުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވަމުން ގެންދަވަނީ، މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.
މިއަދަކީ، މާލެ ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބޭއްވެމުންދާ ދުވަހެވެ. މިއަދަކީ، މިޤައުމުގެ ވެސް އަދި ސަރުކާރުގެ ވެސް ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނޭ ދުވަހެއް ކަމަށް މިދިޔަ ހުކުރު ދުވަހުގެ ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފަ އެވެ.
އެއް ދުވަހަށް ކުޅުދުއްފުށީގައި ބާއްވާ ވަޒީރުންގެ ބައްދަލުވުމަށް 200000ރ. ހަރަދުވާނެ ކަމަށް ރައީސް އޮފީހުން ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.