26 Oct 2014, 11:46
ޗިލީގެ ތަރި އެލެކްސިސް ސަންޗޭޒްގެ ދެ ލަނޑާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ސަންޑަލޭންޑްގެ މައްޗަށް ކުރިހޯދައިފި އެވެ.
ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މެޗުން އާސެނަލް ކުރިހޯދީ 2-0 ންނެވެ. މި ނަތީޖާ އާއެކު އާސެނަލް 14 ޕޮއިންޓާއެކު ޕްރިމިއާ ލީގު ތާވަލުގެ ފަސް ވަނައަށް ޖެހިލިއިރު މެޗުން ބަލިވި ސަންޑަލޭންޑް އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ. އާސެނަލް އަށް ވުރެ އެއް މެޗް މަދުން ކުޅެގެން އެއްވަނައިގައި 22 ޕޮއިންޓާއެކު ޗެލްސީ އޮތް އިރު ދެވަނައިގައި އޮތީ 19 ޕޮއިންޓާއެކު ސައުތޭމްޓަން އެވެ.
މެޗުގައި އާސެނަލް އިން ޖެހި ދެ ލަނޑުވެސް ސަންޗޭޒް ކާމިޔާބުކޮށްދިން އިރު ފުރަތަމަ ލަނޑު ކާމިޔާބުކުރީ 30 ވަނަ މިނިޓްގައެވެ. އަދި ދެވަނަ ލަނޑު އޭނާ ޖެހީ އިތުރު ވަގުތުގައެވެ.
އަނިޔާއިން އެނބުރި އައިސް މިހާރު ޓީމާއެކު ފަރިތަކުރަމުން އަންނަ ފޯވަޑް ތިއޯ ވޮލްކޮޓްއަށް ރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު މެނޭޖަރު ވެންގާ ދީފައެއް ނުވެއެވެ. ސަސްޕެންޝަންގައި ހުރި ޖެކް ވިލްޝެއާގެ ބަދަލުގައި ވެންގާ ވަނީ ޗަމްބަލޭން އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.
މިދިޔަ ހަފްތާގައި ސައުތޭމްޓަން އަތުން 8-0 ން ހިތި ގޮތަކަށް ބަލިވި ސަންޑަލޭންޑްގެ ފަރާތުން މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސަންޗޭޒްގެ ފުރަތަމަ ގޯލާއެކު އާސެނަލް އިންވަނީ ކުޅުން ވަރުގަދަކޮށް މެޗް ޑޮމިނޭޓް ކޮށްފައެވެ. މެޗުގައި ސަންޑަލޭންޑްގެ ޑިފެންސް ލައިނުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު އާސެނަލް އިންވަނީ ދެހާފުގައިވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މިގޮތުން ފުރަތަމަ ހާފުގައި މިޑްފީލްޑަރު ސެންޓީ ކަޒޯލާ ފޮނުވާލި ހަމަލާ ސަންޑަލޭންޑްގެ ކީޕަރު ދިފާއުކުރި އިރު ޗަމްބަލޭން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި ދެވަނަ ހާފުގައި ވެލްބެކްގެ ފަރާތުން ދެތިން ފަހަރު ސަންޑަލޭންޑްގެ ގޯލަށް ނުރައްކާވިއިރު އެ ހަމަލާތަކުގެ ހުރަހަކަށްވީ ސަންޑަލޭންޑްގެ ކީޕަރު މެނޯން އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޓޯކް ސިޓީގެ މައްޗަށް ސައުތޭމްޓަން އިން 1-0 ން ކުރިހޯދިއިރު ކްރިސްޓަލް ޕެލަސް އާއި ވެސްޓް ބްރޮމްވިޗް އަލްބިއަން ބައްދަލުކުރި މެޗު ނިމުނީ 2-2ން އެއްވަރު ވެގެންނެވެ.