26 Oct 2014, 11:36
މޫނު ނިވާކޮށްގެން ތިބި ބަޔަކު ފ. ފިލިތެޔޮ ރިސޯޓަށް އަރައި ދެ މީހަކު ބަނދެ އެރިސޯޓްގެ ތިޖޫރީއެއް ވަގަށް ނަގައިފި އެވެ.
ފުލުހުން މިއަދު ބުނީ، ފިލިތެޔޮ ރިސޯޓުން ތިޖޫރީއެއް ވަގަށް ނަގާފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 3:20 ކަންހާއިރު ކަމަށާއި މިހާރު ފުލުހުންގެ ޓީމެއް ފިލިތެޔޮ ރިސޯޓުގައި ހަރަކާތެރި ވަމުން ދާ ކަމަށެވެ.
މިހާތަނަށް ކުރިއަށް ގެންދެވުނު ތަހުގީގުގެ އަލީގައި ފުލުހުން މައުލޫމާތު ދިން ގޮތުގައި އެރިސޯޓުގެ ތިޖޫރީ ވަގަށް ނަގާފައިވަނީ ސްޕީޑް ލޯންޗެއްގައި ރޭ ދަންވަރު އެ ރިސޯޓަށް އެރި ބައެކެވެ. އަދި އެމީހުން އެ ވައްކަން ކޮށްފައިވަނީ އެ ރިސޯޓުގެ ރިސެޕްޝަނިސްޓަކަށް ހުރި ދިވެހި ފިރިހެނަކާއި ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީ އަކު އަނގަމަތީ ޓޭޕް އަޅައި ބަނުމަށް ފަހުގައިކަމަށް ފުލުހުން ބުންޏެވެ.
"ފިލިތެޔޮ ރިސޯޓުން ވަގަށް ނަގާފައިވާ ތިޖޫރީގައި 50،000 އަށް ވުރެ ގިނަ ރުފިޔާ ހުންނާނެކަމަށް އެ ރިސޯޓުން ފުލުހުންނަށް މައުލޫމާތު ދޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ތިޖޫރި ވަގަށް ނެގި މައްސަލައިގައި އެ ތިޖޫރީ ހޯދުމަށް އެ ރިސޯޓާއި ރިސޯޓް ކައިރީގައިވާ ފަޅުރަށްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް ބަލައިފާސްކުރަމުން އަންނަ ކަމަށެވެ.