ޖަޕާނުގެ ހުނަރުވެރި ކުޅުންތެރިއާ ހިރޯޝީ ކިއޮޓޭކީގެ މޮޅު ގޯލާއެކު ބުންޑެސްލީގާގައި ހެނޯވާ އިން ބޮރޫޝިއާ ޑޯޓްމަންޑް ސިއްސުވާލައިފި އެވެ.

ރޭ ޖަރުމަން ބުންޑެސްލީގާގައި ޑޯޓްމަންޑްގެ މައްޗަށް ހެނޯވާ އިން ކުރި ހޯދީ 1-0 ންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 61 ވަނަ މިނިޓުގައި ކިއޮޓޭކީ ކާމިޔާބު ކުރިއިރު މި މެޗުން ބަލިވުމުން ޑޯޓްމަންޑްގެ ކޯޗް ޖާގެން ކްލޮޕް އަށްވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.

ލީގުގައި މިހާތަނަށް ނުވަ މެޗު ކުޅުނުއިރު އެޓީމު ވަނީ ހަ މެޗުން ބަލިވެފައެވެ. ބުންޑެސްލީގާ ތާވަލުގެ 15 ވަނައިގައި ހަތް ޕޮއިންޓާއެކު ޑޯޓްމަންޑް އޮތް އިރު ރޭގެ މެޗު ކާމިޔާބުކުރި ހެނޯވާ ވަނީ 13 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައަށް ޖެހިލާފައެވެ. ލީގުގެ އެންމެ ކުރީގައި 20 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ބަޔާން މިއުނިކް އެވެ.

ކޯޗު ޖާގެން ކްލޮޕް ވަނީ އެންމެ ފަހުން ލީގުގައި ކޮލޯން އާ ވާދަކޮށް ބަލިވި މެޗައްފަހު ޓީމުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ޑިފެންސް ލައިނުގައި ސުބޮޓިޗަށް ފުރުސަތު ދިން އިރު ޝިންޖީ ކަގާވާ ފުރަތަމަ އެގާރައިން ފަށާފައި ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްގެ ޑިފެންޑަރު މެޓްސް ހަމެލްސް ބޮލުން ފޮނުވާލި ހަމަލާ ހެނޯވާގެ ކީޕަރު ދިފާއުކުރި އިރު ރިއުސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގް ހުރަސް ދަނޑިއަށެވެ. ރޭގެ މެޗުގައި ޑޯޓްމަންޑްގެ ފޯވަޑް އައުބެމަޔާންގް އަށްވެސް ހެނޯވާގެ ގޯލް ފޫއަޅުވައިލާން ގިނަ ފުރުސަތު ތަކެއް ލިބިފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެދެވޭ ގޮތެއްގައި ހިފޭ ގޮތެއް ނުވި އެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވާ ޑޯޓްމަންޑަށް ލީގުގައި ރަނގަޅު ނަތީޖާ ތަކެއް ނުނެރެވޭތީ އެޓީމުގެ ސަޕޯޓަރުންތައް ކަންބޮޑުވުން ފާޅުކުރަމުންދާއިރު ރޭގެ މެޗަކީ ލީގުގައި އެންމެ ފަހުން އެޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ފަސްވަނަ މެޗެވެ.