26 Oct 2014, 11:12
ބަންޑާރަ މިސްކިތް ތެރޭގައި މަސްތުގެ ހާލަތުގައި ނިދާފައި އޮތް މީހަކު ފުލުހުން މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު 9:20 ކަންހާއިރު، ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އޮޕަރޭޝަން ޔުނިޓުގެ ފުލުހުން ބަންޑާރަ މިސްކިތަށް ދިޔައިރު އޭނާ އޮތީ ފޮތް ގޮނޑިއެއްގެ މަތީ ބޯ އަޅައިގެން ނިދާފައި،" މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
މަސްތުގެ ހާލަތުގައި މިސްކިތް ތެރޭގައި ނިދާފައި އޮއްވައި ހައްޔަރުކުރި މީހާއަކީ ތަފާތު އެކިއެކި ކަންކަމާ ގުޅިގެން 26 ފަހަރު ހުއްޓުވައި ސުވާލުކޮށް 18 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 10 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއްކަމައްވެ އެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ އަށް މައްސަލައެއްގެ ތަޙުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާއިރު ހަތް މައްސަލައެއްގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ހުކުމް ކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާއަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.