26 Oct 2014, 10:27
ދިރާގު ދިވެހި ލީގުގައި ރޭ ކްލަބު ވެލެންސިއާ އަތުން 3-0 ލަނޑުން ކްލަބު އީގަލްސް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އީގަލްސް އިން ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 28 ވަނަ މިނިޓްގައެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު މުސްލިހު ދިން ބޯޅައަކުން ޓީމުގެ ފޯވާޑު އަދި ކެޕްޓަން އިސްމާއިލް އީސާ (މެސީ) އެވެ.
އީގަލްސްއިން ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ވެލެންސިއާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ގެއްލިފައިވެއެވެ.
ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް އީގަލްސްއަށް ނަތީޖާ ފުޅާކޮށްދިނީ ވެލެންސިއާގެ ޕެނަލްޓީ ތެރެއިން ލިބުނު ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލައިގެން މިޑްފީލްޑަރު އިމްރާން ނަޝީދު އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ދެ ޓީމަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ގެއްލިފައެވެ.
އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން އެންމެ ފަހު ވަގުތު ކޮޅަށް ވެފައި ވަނިކޮށް އިމްރާން ނަގައިދިން ކޯނަރަކުން އީގަލްސްގެ މިޑްފީލްޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
މި ލިބުނު މޮޅާއެކު 29 ޕޮއިންޓް ލިބިގެން އީގަލްސް އޮތީ ދިވެހި ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މެޗުން ބަލިވި ވެލެންސިޔާއަށް ލިބިފައިވާ 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ދިވެހި ލީގުގައި މިރޭ 9:00ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެޓީމާ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.