26 Oct 2014, 10:06
މިސީޒަންގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ 'އެލް-ކްލޭސިކޯ' ކުރިމަތިލުމުގައި ފަހަތުން އަރައި ރެއާލް މެޑްރިޑުން ބާސެލޯނާގެ މައްޗަށް ކުރިހޯދައިފި އެވެ.
ރޭ މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއޭގައި ކުޅުނު 262 ވަނަ އެލް-ކްލޭސިކޯ މެޗުން ރެއާލްމެޑްރިޑް ކުރިހޯދީ ބާސާ އިން ލަނޑެއް ޖަހައި ކުރިހޯދައިފައި ވަނިކޮށް ފަހަތުން އަރައި 3-1 ންނެވެ.
މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ތަރި ނޭމާ އެވެ. މިއީ ކްލޭސިކޯ މެޗުތަކުގައި ނޭމާ ޖެހި ދެވަނަ ލަނޑެވެ. ރެއާލް މެޑްރިޑަށް މަޗުގެ ނަތިޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 35 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ކްލޭސިކޯ މެޗުތަކުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މި ގޯލާއެކު މިސީޒަންގައި އޭނާގެ ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފައެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ 50 ވަނަ މިނިޓުގައި ޑިފެންޑަރު ޕެޕޭ ވަނީ ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ރެއާލް އަށް ލީޑު ހޯދައިދީފައެވެ. އަދި 61 ވަނަ މިނިޓުގައި ރެއާލްގެ މޮޅު ކައުންޓާ އެޓޭކް އެއްގައި އެޓީމަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވަޑް ކަރިމް ބެންޒީމާ އެވެ.
މެޗުގައި ބާސެލޯނާ ކޮޅަށް އިތުރު ލަނޑުތަކެއް ޖަހަން މެޑްރިޑްގެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވެއެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮނާލްޑޯ ނަގައިދިން ހުރަހަކުން ފޯވަޑް ބެންޒީމާ ފޮނުވާލި ހަމަލާ ގޯލްގެ ހުރަސް ދަނޑިއާ އަމާޒު ވިއިރު ރީބައުންޑް ބޯޅަ ދިޔައީ ގޯލައާ އަމާޒުނުވެ ދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.
ސަސްޕެންޝަނަށްފަހު އެނބުރި އައި ސުއަރޭޒްގެ ފަރާތުން އެދެވޭ ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައި ނުވިޔަސް އެޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެސީގެ ނުރައްކާތެރި ހަމަލާ ކީޕަރު ކަސިއަސް ދިފާއުކުރިއިރު ފޯވަޑް ނޭމާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.
މި ނަތީޖާ އާއެކު ރެއާލް މެޑްރިޑުން ވަނީ ސްޕެނިޝް ލަލީގާގައި އެންމެ ކުރީގައިވާ ބާސެލޯނާ އާއި ޕޮއިންޓަކަށް ކައިރިއަށް ޖެހިލާފައެވެ. ލަލީގާގެ ތާވަލުގެ އެންމެ ކުރީގައި 22 ޕޮއިންޓާއެކު ބާސެލޯނާ އޮތް އިރު ރެއާލް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މި ދެޓީމްގެ ފަހަތުން ތިންވަނައިގައި އޮތީ 20 ޕޮއިންޓާއެކު ވެލެންސިއާ އެވެ.