26 Oct 2014, 09:48
ތަޖުރިބާކާރު ކޯޗު ޖަޕާނުގެ ނައޯކޯ ކަވަމޯޓޯ އާއެކު ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ތައިލެންޑަށް ފުރައިފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (އެފްއޭއެމް) ބުނީ، ގައުމީ އަންހެން ޓީމާ އަލަށް ހަވާލުވި ކޯޗުގެ އިރުޝާދުގެ ދަށުން ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށް ތައިލެންޑުގައި ބާއްވާ ފަރިތަކުރުންތައް އިއްޔެއިން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ތައިލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އެފްއޭއެމް ގުޅިގެން ބާއްވާ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާން އިއްޔެ ތައިލެންޑަށް ފުރި ގައުމީ އަންހެން ޓީމުގެ ސްކޮޑްގައި 20 ކުޅުންތެރީން ހިމެނެއެވެ.
ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްގީކުރުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މިއީ، އާ ކޯޗު ކަވަމޯޓޯ ގައުމީ ޓީމާ ހަވާލުވިފަހުން ބޭއްވޭ މިފަދަ ފުރަތަމަ ކޭމްޕެވެ.
އެފްއޭއެމުން ބުންނީ، ތައިލެންޑުގައި މި ކޭމްޕުގައި ކުޅުންތެރީންގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ފިޓްނަސް ރަނގަޅު ކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.