ލޮނުމެދަކީ ކޮންމެ މީހަކު ވެސް ކެއުމަށް ޖެހިލުންވާނެ އެއްޗެކެވެ. ސަބަބަކީ ލޮނުމެދު ކެމުން އަނގައިން ނުބައި ވަސް ދުވުމާއި ލޮނުމެދުގައި ހުންނަ "ފާޑެއްގެ"ރަހަ އެވެ. ނަމަވެސް ލޮނުމެދަކީ އެތައް ބައްޔަކަށް ފަރުވާކޮށްދޭ، އަހަރުމެންގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާއެކެވެ. މިލިޔުމުގައި ހިމަނާލާފައިވާނީ ލޮނުމެދު ކެއުމުން އަހަރުމެންގެ ހަށިގަނޑަށް ލިބިގެންދާނެ އެތައް ފައިދާއެއްގެ ވާހަކައެވެ.

ކޮންމެ ގައުމެއްގައި ވެސް އެގައުމެއްގެ މިނިވަންކަން ރައްކާތެރި ކުރަން ވަރުގަދަ ދިފާއީ ނިޒާމެއް ދަމަހައްޓަންޖެހެ އެވެ. ހަމަ އެފަދައިން އަހަރުމެންގެ ހަށިގަނޑު ބަލިތަކުން ރައްކާތެރިކުރުމަށް ވަރުގަދަ ދިފާއީ ނިޒާމެއް ހުރުމަކީ ލާޒިމުވެގެންވާ ކަމެކެވެ. ރޮލާ ހުންނަ ލޮނުމެދުގައި އެކުލެވޭ ޙާއްސަ ބައެއް ކަމަށްވާ ސަލްފާ އެންޒައިމް އަހަރުމެންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދެ އެވެ.

އެންމެ ލޮނުމެދެއްގައި ވެސް ފަސް މިލިގްރާމް ކެލްޝިއަމް، ބާރަ މިލިގްރާމް ޕޮޓޭޝިއަމްގެ އިތުރުން ސަތޭކަ އަށް ވުރެ ގިނަ މިލިގްރާމް ސަލްފާ ކޮމްޕައުންޑްސް އެކުލެވިފައިވާނެ އެވެ. އަދި ލޮނުމެދުގައި ހިމެނޭ މިބައިތަކުގެ ސަބަބުންް ހަށިގަނޑަށް ގެއްލުން ހުރި ޖަރާސީމު އުފެދުމާއި އެޖަރާސީމު ހަށިގަނޑު ތެރޭގައި ފެތުރުން ހުއްޓުވަ އެވެ. ޖަރާސީމުން އުފެދޭ ނޭވާލާ ނިޒާމުގެ ބަލިތައްކަމަށްވާ ރޯގާ، ފްލޫ، ފުއްޕާމޭގައި ދަވަލުން، ކެއްސާ ބަލި ނުވަތަ 'ވުޕިންގް ކޯފް' އާއި ނޭވާ ހިއްލުމުގެ އިތުރުން ފުއްޕާމޭގެ އެންމެ ނުރައްކާތެރި އެއް ބަލި ކަމަށްވާ ޓީބީ އަށް ފަރުވާކުރުމުގައި ވެސް ލޮނުމެދު ބޭނުންކުރެ އެވެ. ޔީސްޓް އިންފެކްޝަންއަށާއި ސްޓާފް އިންފެކްޝަންގެ އިތުރުން ގުދުރަތީ ފަނީ ބޭހެއްގެ ގޮތުގައި ވެސް މީހުން ލޮނުމެދު ބޭނުންކޮށް އުޅެއެވެ. ކަނޑައިގެންގޮސް ދޮސް ލާފައި ހުންނަ ޒަހަމުތަކުގައި އުފެދިފައި ހުންނަ ޖަރާސީމުތައް ނައްތާލަން ވެސް ލޮނުމެދުގެ ބޭނުންކުރެވިދާނެ އެވެ.

ހަށިގަނޑުގައި ޖަމާވެފައި ހުންނަ ނޭދެވޭ ސަރުބީ ނައްތާލަން މަސައްކަތްކޮށް ކޮލެސްޓްރޯލް ބައްޔަށް ފަރުވާކުރުމަށް ވެސް ލޮނުމެދު ބޭނުންކުރެ އެވެ. އޭގެއިތުރުން ލޮނުމެދަކީ ހަކުރު އަދި ލޭ މައްޗަށް ދާ މީހުން އެބަލި ކޮންޓްރޯލް ކުރުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ. ހިތުގެ ފާރުތަކުގައި ސަރުބީ ޖަމާވުމުން ޖެހޭ ބައްޔެއް ކަމަށްވާ "އަތީރޯސްކްލިރޯސިސް"އަށް ފަރުވާ ކުރުމުގައި ވެސް ލޮނުމެދު އެހީވެދެ އެވެ. ނިދި ނައުމުގެ ބަލި ނުވަތަ "އިންސޮމްނިއާ" ބައްޔަށް ވެސް ލޮނުމެދަކީ ގުދުރަތީ ފަރުވާއެކެވެ.

ކޮލޯން ކެންސަރު، ގޯލްބްލެޑާ ކެންސަރު، ފުރަގަސްފަރާތުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު ނުވަތަ އުރަމަތީ ކެންސަރު ފަދަ ތަފާތު ކެންސަރު ބަލިތައް ވެސް ހަށިގަނޑުގައި ފެތުރުނަ ނުދީ ހިފަހައްޓަން މަސައްކަތްކޮށްދޭ ލޮނުމެދަކީ ކެޓެރެކްޓް ބައްޔަށް ވެސް ފަރުވާކުރުމުގައި ބޭނުންކުރެވޭނެ އެއްޗެކެވެ. އެންމެ ރިހުންހުރި އެއްތަދު ކަމުގައިވާ ދަތުގެ ރިހުމަށް ލުއިކަމެއް ގެނެސްދިނުމަށް ރޯ ލޮނުމެދު ކެއުމުގައި ބޭނުން ކުރެވިދާނެ އެވެ. ކަށި ދެރަވުމުން ޖެހޭ ބައްޔެއް ކަމަށްވާ އާތުރައިޓިސް ބައްޔަށާއި އެބަލީގެ އަލާމާތްތައް އެކުލެވޭ އެހެން ބައްޔެއްކަމަށްވާ ގައުޓްއަށް ފަރުވާކުރުމުގައި ވެސް ލޮނުމެދު ބޭނުންކުރެ އެވެ.

ގޮހޮރުގައި ކާނާ ހަޖަމުކުރުމަށް އެހީވާ ނިޒާމުކަމަށްވާ މެޓަބޮލިޒަމް އަވަސްކޮށްދޭ ލޮނުމެދަކީ ގޮހޮރުގެ ފާރުތައް ވެސް އޮމާން ކޮށްދޭ އެއްޗެކެވެ. އޭގެއިތުރުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީވެ މީހާގެ ސިފަވެސް ރީތިކޮށްދޭ އެއްޗެއްގެ ގޮތުގައި ލޮނުމެދު ބޭނުންކުރެ އެވެ. ލޮނުމެދަކީ މޫނުގައި ނަގާ ބިހި ނުވަތަ އެކްނީ ފިލުވާލައި ހަމުގައި ނަގާ މުލިހިތަކަށްވެސް ބޭސް ފަރުވާއެކެވެ. ހަމުގައި ރޫނެގުން ލަސްކޮށްދީ ދުވަސްވުމުން މީހާގެ ސިފައަށް އަންނަ އެހެން ބަދަލުތައް ވެސް ލަސްކުރުމުގައި ލޮނުމެދު އެހީތެރިވެދެ އެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓް އާއި ވެބްއެމްޑީ