25 Jan 2011, 12:52
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީ)ގެ ލޯނެއްގެ ދަށުން އދ. މަހިބަދޫގައި ގާއިމް ކުރާ ނަރުދަމާގެ ނިޒާމްގެ މަސައްކަތް އަމަލީ ގޮތުން އިއްޔެ ފަށައިފި އެވެ.
މަހިބަދޫގައި ބޭއްވި ހަފްލާއެއްގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ރުގިއްޔާ މުހައްމަދެވެ.
ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޝިން ނިޕޯން އެއާ ޓެކްނޮލޮޖީސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އަމަލީ މަސައްކަތް ފަށާތާ އެއް އަހަރު ތެރޭގައި ނިންމަންވާނެ އެވެ. ސެޕްޓެމްބަރު 14، 2010 ގައި ސޮއި ކުރި އެއްބަސްވުމުގައިވާ ގޮތުން އެ ޕްރޮޖެކްޓަށް އޭޑީބީން 1.5 މިލިއަން ޑޮލަރު[ރަސްމީ ރޭޓޫން 19.27 މިލިއަން ރުފިޔާ]ގެ ލޯނެއް ނެގުމަށް ހަމަޖެހިފައިވެ އެވެ. އަދި ސަރުކާރުން ވެސް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.