03 Apr 2010, 15:32
19:00
މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިނުވާ ބިދޭސީންނަށް އަންނަ ޖުލައި މަހުން ފެށިގެން ވާކް ވިސާ ނުދޭ ގޮތަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ހަމަޖައްސައިފި އެވެ.
އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވާކް ވިސާ ދޫކުރާނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާ މީހުންނަށް ކަމަށެވެ. އެގޮތުން އެ ތާރީހުން ފެށިގެން ވާކް ވިސާ އެޕްލިކޭޝަން ފޯމުގައި މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާކަން އެނގޭނެ ތައްގަނޑު ނުޖަހާ ހުށަހަޅާ ފޯމްތައް ބަލައި ނުގަންނާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ވިސާ ހޯދަން ފޯމް ހުށަހަޅާއިރު ފައިސާ ދެއްކި ރަސީދުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަން ޝެއިޚް އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ މިގޮތަށް ޢަމަލު ކުރާގޮތަށް ހަމަޖެއްސީ އެއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް އަދި އެތެރެވަރީގެ ގައުމުތަކުގައިވެސް އެގޮތަށް ޢަމަލުކުރަމުންދާތީ ކަމަށެވެ. އަދި އިންޝިއުރެންސް އަކީ ކޮންމެހެންވެސް އޮންނަން ޖެހޭ ކަމެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.