ގާހިރާ (އޮކްޓޯބަރ 26) : މިސްރުގެ ސައިނާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ބަޔަކު މިދިޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކަކީ މިސްރާ ދެކޮޅަށް ރާވަމުންދާ ނުރައްކާތެރި ރޭވުންތަކެއްގެ ބައެއް ކަމަށް އެގައުމުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ސިފަކުރައްވައިފި އެވެ.

މިޙަމަލާތަކަށް ފަހު މިސްރުގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ސީސީ ވިދާޅުވީ ހުކުރު ދުވަހުގެ ޙަމަލާތަކުގެ ފަހަތުގައި ބޭރުގެ އަތްތަކެއް ވާކަމަށް ބެލެވޭކަމަށާއި އަދި މިއީ މިސްރުގެ ރައްޔިތުން ނިކަމެތިކޮށް ސިފައިންގެ ލަޝްކަރުތައް ބަލިކަށިކޮށްލުމަށް ޓަކައި ބަޔަކު ރާވައިގެން ހިންގަމުން ގެންދާ ފިނޑި ޖަރީމާތަކެއް ކަމުގަ އެވެ. ނަމަވެސް މިރޭވުންތަކުގެ ކުރިމަތީގައި ރައްޔިތުންނާއި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށާއި މިސްރު ނިކަމެތި ވެގެންނުދާނެ ކަމަށް ސީސީ ވިދާޅުވި އެވެ.

ސައިނާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ބަޔަކު ކާރުބޮމުގެ ޙަމަލާއެއް ދީފައި ވަނީ ސައިނާގެ އުތުރުގައިވާ އައްޝައިޚް ޒުވައިދު ނަމަކަށްކިޔާ ހިސާބެއްގައި ދަތުރުކުރަމުން ދިޔަ މިސްރު ސިފައިންގެ ގާފިލާއަކަށް އަމާޒުކޮށްގެން މިދިޔަ ހުކުރު ދުވަހު އެވެ. އެ ޙާދިސާގައި 30 މީހުން މަރުވެ 26 މީހުން ޒަޚަމްވި އެވެ. އަދި ސައިނާގެ އެހެން ސަރަހައްދެއް ކަމަށްވާ އަލްޢަރީޝްގައިވާ މިސްރު ސިފައިންގެ ޗެކްޕޮއިންޓަކަށް ވެސް ބަޑިން ހަމަލާދީ މިސްރު ސިފައިންގެ ތިންމީހުން ވެސް މިދިޔަ ހުކުރު ދުވަހު މަރާލާފައިވެ އެވެ. މިޙަމަލާތަކާ ގުޅިގެން ސައިނާގެ ބޮޑުބައެއްގައި ތިންމަސްވަންދެން ކުއްލި ޙާލަތު އިޢްލާންކުރުމަށް ސީސީ ނެރުއްވި ރިޔާސީ އަމުރު އިއްޔެވަނީ ތަންފީޒުކުރަން ފަށާފަ އެވެ.

ސައިނާގައި ދިން ޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު ސީސީ މިސްރަށް ގެންނެވި އަސްކަރީ އިންގިލާބާ ދެކޮޅަށް ހަރަކާތްތެރިވާ މިސްރުގެ އިދިކޮޅު އެލަޔަންސުން ވެސް ވަނީ އެ ޙަމަލާތައް ކުށްވެރިކޮށްފަ އެވެ. ނަމަވެސް ޓެރަރިސްޓް ޙަމަލާތަކުގެ ޝިކާރައަކަށް މިސްރު ވަމުންދަނީ މިސްރުގެ ދިމުގްރާތީ ނިޒާމް ފުނޑުފުނޑު ކޮށްލުމަށް ސީސީ އިސްކޮށް ހުންނަވައިގެން ގެނައި އިންގިލާބުގެ ސަބަބުން ކަމަށް އިދިކޮޅު އެލަޔަންސުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މިސްރަށް ހަމަޖެހުންލިބޭނީ ސިފައިން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަނުން ހުއްޓާލައި މިސްރުގައި ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަން ގާއިމް ވެގެންކަމަށް ވެސް އިދިކޮޅު އެލަޔަންސްގެ ބަޔާނުގައިވެ އެވެ.
ސައިނާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރިންނަކީ އަންސާރު ބައިތުލްމަގްދިސްގެ ނަމަކަށް ކިޔާ ހަރުކަށި ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)