ސޯލް (އޮކްޓޯބަރ 26) : ބެލަސްޓިކް މިސައިލްގައި ހަރުކުރެވޭ ފަދަ ނިއުކްލިޔާ ވޯހެޑް އުފެއްދުމުގެ ފަންނީ އަދި އިލްމީ ގާބިލްކަން އުތުރު ކޮރެޔާއަށް މިހާރު ލިބިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމެރިކާ ފުރަތަމަ ފަހަރަށް ބުނެފި އެވެ.

އުތުރުކޮރެޔާ އަށް ފާރަލުމަށްޓަކައި އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާގައި އެމެރިކާ ރުކުރުވާލާފައިވާ ލަޝްކަރުތަކުގެ އިސްކޮމާންޑަރު ޖެނެރަލް ކާޓިސް އެމް ސްކަޕަރޫޓީ ވިދާޅުވީ ބެލަސްޓިކް މިސައިލްގައި ހަރުކޮށްގެން ދުރަށް ފޮނުވާލެވޭ ވަރަށް ނިއުކްލިޔަރ ބޮމުގެ ސައިޒް ކުޑަކޮށް އުފެއްދުމުގެ ޓެކްނޮލޮޖީ ހޯދުމަށް އުތުރު ކޮރެޔާ ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ވެފައިވުމުގެ ފުރްސަތު ބޮޑުކަމުގަ އެވެ.

ޖެނެރަލް ސްކަޕަރޫޓީ ވިދާޅުވީ ނިއުކްލިޔާ ރީސާޗް މަސައްކަތްތައް ކުރަމުންގެންދާ ޕާކިސްތާނާއި އީރާން ފަދަ ގައުމުތަކާއި އުތުރުކޮރެޔާއާ ދެމެދު އަޑިނޭންގޭ ސިއްރު ގުޅުންތަކެއްވާކަމަށް ބެލެވޭ ކަމަށާއި މިގުޅުންތަކުގެ އެހީގައި ނިއުކްލިޔާ ކުދިބޮން އުފެއްދުމުގެ ޓެކްނޮލޮޖީ އުތުރުކޮރެޔާއިން ޙާސިލް ކޮށްފައިވުމުގެ ފުރްސަތު ބޮޑުކަމުގަ އެވެ.

އުތުރު ކޮރެޔާއަކީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް އުފައްދާ ގައުމެކެވެ. އެމެރިކާގެ ބައްރަށް ފޯރާވަރުގެ ބެލަސްޓިކް މިސައިލް އުތުރުކޮރެޔާއިން ވަނީ ތަޖްރިބާކޮށްފައެވެ. އަދި އެންމެފަހުން އުތުރުކޮރެޔާ ކުރި ދުރުރާސްތާގެ މިސައިލް ތަޖްރިބާ ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެއެވެ. ބެލަސްޓިކް މިސައިލްގައި ހަރުކުރެވޭފަދަ ނިއުކްލިޔަރ ވޯހެޑް އުފެއްދުމުގެ ގާބިލްކަން އުތުރުކޮރެޔާއަށް ލިބިގެންދިޔުމަކީ ޖަޕާނާއި ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއަށާއި ޔޫރަޕަށްވެސް ކުރިމަތިވާނެ ސަލާމަތީ ގޮންޖެހުމެއްކަމަށް މުރާސިލުން ބުނެއެވެ.

ޖެނެރަލް ސްކަޕަރޫޓީގެ ބަޔާނާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން އެޑްމިރަލް ޖޯން ކާބީ ވިދާޅުވީ އުތުރު ކޮރެޔާ އަކީ ތިންފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައިވާ ގައުމަކަށްވެފައި ބެލަސްޓިކް މިސައިލްތަކުގައި ހަރުކުރެވޭފަދަ ނިއުކްލިޔަރ ވޯހެޑް އުފެއްދުމުގެ ޓެކްނޮލޮޖީ ހޯދުމަށް ކެނޑިނޭޅި އެގައުމުން މަސައްކަތް ކުރަމުން ގެންދާތީ އެޓެކްނޮލޮޖީ މިހާރު ހޯދާފައިވެދާނެ ކަމުގެ ބިރު އެމެރިކާ އިހްސާސް ކުރާ ކަމުގައެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލްވެސް ވެސް މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް އެޑްމިރަލް ކާބީ ވިދާޅުވިއެވެ. ނަމަވެސް ބެލަސްޓިކް މިސައިލެއްގައި ހަރުކުރެވެފަދަ ނިއުކްލިޔަރ ވޯހެޑް އުފެއްދުމުގެ މިކަން ކަށަވަރުކޮށްދެވޭފަދަ ފުރިހަމަ މައްލޫމާތު އެމެރިކާއަށް ލިބިފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)