އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސްޓް ހޭމް ޔުނައިޓެޑް އަތްދަށުވި އިރު ލިވަޕޫލް އާއި ހަލްސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ ސިޓީގެ މައްޗަށް ވެސްޓް ހޭމް ކުރިހޯދީ 2-1 ލަނޑުންނެވެ.

ވެސްޓް ހޭމް އެރީނާގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް އެޓީމުންނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނިޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވަޑް މޯގަން އަމަލްފިޓާނޯ އެވެ. އަދި ދެވަނަ ހާފުގެ 75 ވަނަ މިނިޓުގައި ސެނެގާލްގެ ފޯވަޑް ޑައިފްރާ ސާކޯ ލަނޑެއް ޖަހައި އެޓީމަށް ލީޑު ފުޅާ ކޮށްދީފައިވަނިކޮށް މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވަނީ އެޓީމަށް ސުން ކަނޑުވައިދީފައެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ކުޅުންތެރިން ވަނީ ވެސްޓް ހޭމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗު ފަށައިގެން ދެވަނަ މިނިޓުގައި ސާޖިއޯ އަގުއެރޯ ފޮނުވާލި ހަމަލާ ކާމިޔާބުވާގޮތެއް ނުވިއެވެ. އަދި ސިލްވާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ވެސްޓް ހޭމްގެ ކެމަރޫން މިޑްފީލްޑަރު އެލެކްސް ސޮންގްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދިނުމުގައި އޭނާ ވަނީ މުހިއްމު ރޯލެއް އަދާ ކޮށްފައެވެ.

މި ނަތީޖާއާއެކު ޕްރިމިއާ ލީގު ތާވަލުގެ ތިން ވަނައިގައި 17 ޕޮއިންޓާއެކު ސިޓީ އޮތް އިރު ވެސްޓް ހޭމް އޮތީ ސިޓީއަށް ވުރެ ޕޮއިންޓެއް މަދުން ލިބިގެން ތާވަލުގެ ހަތަރު ވަނައިގައެވެ. ޕްރިމިއާ ލީގު ތާވަލުގެ އެންމެ ކުރީގައި އަދިވެސް އޮތީ 22 ޕޮއިންޓާއެކު ޗެލްސީ އެވެ.

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ހަލްސިޓީ ބައްދަލު ކުރި މެޗު ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެންފީލްޑުގައި ކުޅުނު މެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު އިރު ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފޯވަޑް ބަލޮޓެލީ ފޮނުވާލި ހަމަލާތައް ހަލްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އަދި މިޑްފީލްޑަރު އެޑަމް ލަލާނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ހަލްގެ ޑިފެންޑަރެކެވެ. މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ޒުވާން ފޯވަޑް ސްޓާލިންގް ފޮނުވާލި ހަމަލާވެސް ހަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާ އާއެކު ޕްރިމިއާ ލީގު ތާވަލުގެ ހަތް ވަނައިގައި 14 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ހަލް އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.