އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
~
ކާނިވާ ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައި އެމްޑީޕީގައި ޑިމޮކްރަސީ އޮތްކަން ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ ޕާޓީއަކީ ވަކި މީހެއްގެ ފަހަތުގައި އޮތް ޕާޓީއެއް ނޫން ކަމަށެވެ.

"...އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ކުރީ ސަފުގައި މިޕާޓީން ވެރިކަން ކުރަން ބޭނުންވާ ވަރަށް ގިނަމީހުން ތިބޭނޭ. އަޅުގަނޑަށް ހަމަ ޔަގީން، މައްސަލައެއް ނެތް ތިބޭނެކަން. 2018 ވަނަ އަހަރަށް މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ކޮށްދޭން ބޭނުންވާ މީހަކު ހުރިއްޔާ މިހާރު ބުނެފިއްޔާ އަތެއް ނުނަގާނެ. އެކަމަކު ވެސް ތިބޭނެ. އަޅުގަނޑު އެހެން ޕާޓީތަކަށް ޔަގީންކަމާ އެކީގައި މިދަންނަވަނީ އަޅުގަނޑުމެން ތެރޭގައި މިފަހަރު ޑިމޮކްރަސީ އޮތްކަން ދައްކާނަމޭ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ ވިދާޅުވި އެވެ.

އެމްޑީޕީ މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު: މޫސަގެ ވާހަކަފުޅުތަކަކަށް ރައީސް ނަޝީދު ރައްދެއް ނުދެއްވާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތިޔަ ބޭފުޅުން ހީކުރައްވަނީ 2004 ގައި ވަކި މީހެއްގެ ފަހަތުގައި ތިޔަބޭފުޅުން ތިއްބެވި ގޮތަށް ޒައީމެއްގެ ފަހަތުގައި ކަމަށް ހީވާ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ކުށެކޭ. އަޅުގަނޑު ނިންމަމުން ދަންނަވާލަން އޮތީ މިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިރޭ މިރެއަށް. އެންމެ މީހަކު އިންތިހާބުގައި ބައިވެރި ވިޔަސް ދިވެހި ރާއްޖޭގައި 2018 ގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެ އެއް ކެންޑިޑޭޓަކަށް އަޅުގަނޑު ވާނަމޭ،"

މިރޭގެ ޖަލްސާގައި މޫސަ ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު މޫސަ ދެއްކެވި ވާހަކަފުޅުތަކަށް ރައްދެއް ނުދެއްވަ އެވެ.
އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ އާންމު މެމްބަރުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ވާދަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާގެ ކެންޑިޑޭޓެއް ހޮވުމަށް 2008 ގައި ބޭއްވި ޕްރައިމަރީގައި ވެސް މޫސަ ވަނީ ވާދަ ކުރައްވާފަ އެވެ. ދިހަ ހާހެއްހާ އެމްޑީޕީގެ އާންމު މެމްބަރުން ވޯޓު ދެއްވި ޕްރައިމަރީގައި މޫސައަށް ލިބިވަޑައިގެންނެވީ ނުވަ ޕަސެންޓް ވޯޓެވެ. އެއީ 960 ވޯޓެވެ.

މޫސަ އާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވާދަ ކުރެއްވި އިންތިހާބުގައި އެ ދެ ބޭފުޅުންގެ މައްޗަށް 70 ޕަސެންޓުގެ ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ 7393 ވޯޓު ހޯއްދަވާފަ އެވެ.