25 Oct 2014, 23:51
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ވައްބަހުން" ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަލިމަސް ކާނިވަލުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އޭނާ ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދެއްވީ ޒުވާން ލީޑަޝިޕަކަށް ޖާގަ ދެއްވުމަށް ކަމަށެވެ. އަދި އޭނާ އެގޮތަށް އަމަލުކުރެއްވީ ޕާޓީގެ އެހެން ލީޑަރުން ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިގެން ކަމަށެވެ.
".... ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބާ، މިދެ އިންތިހާބު ނިމުމާ އެކީގައި ބޭއްވި ގައުމީ މަޖިލީހެއްގައި ވަރަށް ކުއްލި ގޮތަކަށް އަޅުގަނޑު މި ޕާޓީގެ ޗެއާޕާސަން ކަމުގެ އަޅުގަނޑުމެން ޑިމޮކްރަސީގެ ހަމަތަކަކީ އުސޫލުތަކަކީ މި ޕާޓީ ގަބޫލުކުރާ ގޮތުގައި ބަލިވީމާ ބަލި ގަބޫލުކުރުން. ހަގީގަތަކީ އަޅުގަނޑުމެން މިޕާޓީގައި އަޅުގަނޑު މިޕާޓީގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުރެ، އަޅުގަނޑުމެން ވާހަކަ ދެއްކީ މި ޕާޓީއަށް މިވަމުންދާ ގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި ޒުވާން ލީޑަޝިޕަކާ ޕާޓީ ހަވާލުކުރުމަށް ފަހުގައި ޒިންމާދާރު ބައެއްގެ ގޮތުގައި އަޅުގަނޑުމެން ފަހަތުގައި ތިބެން،" މޫސަ ވިދާޅުވި އެވެ.
"އެ ވިސްނުމުގައި އަޅުގަނޑު އުއްމީދުކުރީ މިޕާޓީގެ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް، އޭރުގައި ނާކާމިޔާބުވެވަޑައިގެންނެވި އިރު އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށް. އެހެން ނަމަވެސް ހަގީގަތުގައި އެންމެންގެ ފަރާތުން އަޅުގަނޑު އިސްތިއުފާ ދިނީ ބައެއް ބޭފުޅުންނަކީ އިސްތިއުފާ ދެއްވުމަށް ކުޑަކޮށް ޖެހިލުން ވެދާނެ ބޭފުޅުން ކަމަށް އަޅުގަނޑަށް ހީވެފައި އޮތީމައި،"
އެމްޑީޕީގެ ހަރަކާތްތަކުން ފެނި ވަޑައި ނުގެންނެވި ކަމަށް ބުނެ މާ ބޮޑުކޮށް އުޅުނަސް އޭނާ އެމްޑީޕީގެ ކަންކަމުގައި އުޅުއްވި ކަމަށެވެ. މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިޞުވާނު ގެއްލުނު މައްސަލައާ ގުޅިގެން މޫސަ ބަހެއް ނުބުނާތީ އެމްޑީޕީގެ އާއްމު މެމްބަރުން އަމާޒު ކުރި ފާޑުކިއުން ތަކަށް ވެސް އޭނާ ޖަވާބު ދެއްވިއެވެ. ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން އަމަލު ކުރި ގޮތުން އަނިޔާއާ ބެހޭ ގޮތުން ދެއް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
"... އަޅުގަނޑަކީ އަނިޔާއާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދެއްކި މީހެއް. އަޅުގަނޑު އެދުނިން އަނިޔާވެރިކަމުން އަޅުގަނޑަށް ލިބިފައިވާ ނަތީޖާ ބަދަލުކޮށްދިނުމަށް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއް އައުމުގެ ކުރީގައި މިވާހަތައް ދެކެވިފައި އޮއްވައި، އަޅުގަނޑުމެން، ތިޔަ ބޭފުޅުންގެ ސަރުކާރަކީ މިރާއްޖޭގައި ބަދަލު ހިފުމާ އަނިޔާއަށް އަޅުގަނޑުމެން ގޮށް މުއްކަވާފައި ތެދުވުމުގެ ރޫހު ނެތި ވަރަށް މަޑުމައިތިރި ، ހިތްތިރި ސަރުކާރެއް އުފެއްދި ޕާޓީއަކަށް ވާތީ މައުމޫނު ސަރުކާރުގައި ކުރި ހުރިހާ ކަމަކަށް ފަސް އަޅައި ފޮރުވި އަނިޔާތައް ނިމިގެން ދިޔައިމާ މިއަދު އަނިޔާއާ ބެހޭ ގޮތުން އަޅުގަނޑު ދައްކާނެ އިތުރު ވާހަކައެއް ނެތް،" މޫސަ ވިދާޅުވިއެވެ.
އެމްޕީގެ ލީޑަޝިޕާ ބެހޭ ގޮތުން މޫސަ ދެއްކެވި ވާހަކަފުޅަށް މިރޭގެ ޖަލްސާގައި އެއްވެސް ބޭފުޅަކު އިތުރު ރައްދެއް ނުދެއްވަ އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ އެންމެ ބޭފުޅުންނާއި އެޕާޓީގެ ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވަޑައިގެންނެވި އެވެ.