މިއަދު ހެނދުނު ކަނޑުވި ނުވަ ފިރިހެނުން ތިބި ގައިޑެންސް ކުންފުނީގެ "އިމްޝާ" ދޯނި އަޑިއަށް ދިޔައީ އެ ދޯނީގެ ބަނޑުފިލައިގެ ހިންމި ތަކުން ދިޔަވެގެން ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ސަބް އިނިސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މިއަދު ހެނދުނު 7:30 އެހާއިރު މ. ކޮޅުފުށީ ކައިރިން ނުވަ ފިރިހެނުނާ އެކު ދަތުރު ކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ކަންނެލި ދޯނި، އިމްޝާއަކީ މީގެ ކުރިންވެސް ބަނޑުފިލައިގެ މަޑޫތަކުގެ ހިންމިތަކުން ދިޔަވުމުގެ މައްސަލަ ކުރިމަތިވެފައިވާ ދޯންޏެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އިމްޝާ ދޯނި އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ ހާދިސާގައި ދޯނީގެ މީހުން ކަނޑުވި ވަގުތު އެ ދޯނި ދަތުރު ކުރަމުން ދިޔައީ ކޮންތާކަށް ކަމެއް އަދި ސާފު ނުވާކަމަށެވެ. އަދި ވިދާޅުވީ ހާދިސާއަށް ފަހު ފުލުހުން ބެލިއިރު ކަނޑުމައްޗަށް ދޯނި ގެއްލިފައިވާ ކަމަށެވެ.

"އެ ދޯންޏަކީ މީގެ ކުރިންވެސް ހިންމި ތަކުން ދިޔަވާ ދޯންޏެއް. އެހެންކަމުން ދޯނި އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށް މިހާތަނަށް ލަފާ ކުރެވެނީ." ޝިޔާމް ވިދާޅުވި އެވެ.

ކޮޅުފުށީ ހަތް މޭލު ބޭރުން އިމްޝާ ދޯނީގެ ފަޅުވެރިން ކަނޑުވެ، އޮޔާ ބެހެމުން ދަނިކޮށް މިއަދު ހެނދުނު ފެނިގެން ސަލާމަތްކުރީ ދ. މީދޫ ދޯންޏެކެވެ. ކަނޑުވެފައި ތިބި މީހުން މީދޫ މަސް ދޯންޏަށް ނެގިއިރު ވެސް އެމީހުންގެ ހާލު ރަނގަޅެވެ. ނަމަވެސް މީހާރު ފުލުހުން ވަނީ އެ ނުވަ މީހުން މ. މުއްޔަށް ގެންގޮސްފަ އެވެ. ފުލުހުންނާއި ސިފައިން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.

ގައިޑެންސް ކުންފުނީގެ ދޯންޏާ ބެހޭ ގޮތުން މައުލޫމާތު ހޯދަން އެ ކުންފުންޏާ މިއަދު ގުޅި އެވެ. ނަމަވެސް އެ ކުންފުނީގެ އެއްވެސް ނަމްބަރަކުން ފޯނަށް ޖަވާބެއް ނުދެ އެވެ.