25 Oct 2014, 15:34
ޔޫރަޕްގެ ގައުމުތަކުގެ ޝާހީ ބޭފުޅުންގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ވަސީލަތްތަކެއް، އެންމެ ފުރަތަމަ ބޭނުން ކުރެއްވީ އިނގިރޭސި ރާނީ އެވެ.
އެގޮތުން އެކަމަނާ އެންމެ ފުރަތަމަ ލައިވް ބްރޯޑްކާސްޓެއް ކުރައްވާފައި ވަނީ 1957 ވަނަ އަހަރު އެވެ. އަދި 1976 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް އީމެއިލްއެއް ފޮނުއްވާފައިވެ އެވެ. ނަމަވެސް މިޒަމާނުގައި އެންމެ ގިނަ ބަޔަކު އެއަށް ދެވި ހިފާފައިވާ ސޯޝަލް މީޑިއާ ބޭނުން ކުރެއްވުމުގައި ރާނީ އެލިޒަބަތު 2 އުޅުއްވަނީ ވަރަށް ފަހަތުގަ އެވެ.
ސޯޝަލް މީޑއާގެ ވަސީލަތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ނެޓްވޯކް ކަމަށްވާ ޓުވިޓާ އެކަމަނާ ފުރަތަމަ ފަހަރަށް ބޭނުންކުރައްވާފައި ވަނީ އިއްޔެ އެވެ.
އެގޮތުން ކުރެއްވި ޓުވީޓަކީ ލަންޑަންގެ ސައިންސް މިއުޒިއަމްގައި އިއްޔެ ހުޅުވި އިންފޮމޭޝަން އޭޖް އެގްޒިބިޝަން ހުޅުއްވައި ދެއްވުމަށް ފަހު އެކަން ހާމަ ކުރެއްވުމަށް ކުރެއްވި ޓުވީޓެކެވެ. ޓުވީޓް ކުރެއްވީ ބްރިޓިޝްމޮނާކީގެ ނަމުގައި ހިންގާ ޝާހީ އާއިލާގެ ރަސްމީ އެކައުންޓުންނެވެ.