25 Oct 2014, 14:21
ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ބޭއްވި "ޑަބްލިއުސީއޯ-އޭޑީބީ ޖޮއިންޓް ސަބް ރީޖަނަލް ވޯކްޝޮޕް އޮން ކަސްޓަމްސް ވެލުއޭޝަން" މިއަދު ނިންމާލައިފި އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ޓްރޭޑާސް ހޮޓަލުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ދިވެހިރާއްޖެ، ސްރީލަން، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލް ގެ ކަސްޓަމްސް އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެ ވޯކްޝޮޕްގައި ޖުމްލަ 25 ކަސްޓަމްސް އޮފިސަރުން ބައިވެރިވެފައިވެ އެވެ.
"ޑަބްލިއުސީއޯ-އޭޑީބީ ޖޮއިންޓް ސަބް ރީޖަނަލް ވޯކްޝޮޕް އޮން ކަސްޓަމްސް ވެލުއޭޝަން" ވޯކްޝޮޕް ބޭއްވި މިއީ ދެބަނަ ފަހަރެވެ.
ވޯކްޝޮޕް ފެއްޓުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭޑީބީގެ ރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ސްޕެޝަލިސްޓް ރޮޒެލިން މެކެންޒީ ވިދާޅުވެފައި ވަނީ، ކުރިމަގުގައި ސަސެކްގެ ހަރަކާތްތަކުގައި ރާއްޖެއާއި ސްރީލަންކާ އިން ބައިވެރިވާން އޭޑީބީ އެދޭ ކަމަަށެވެ. އަދި އޭޑީބީ ކަންޓްރީ ޕްރޮގްރާމިން ޕްރޮސެސް މެދުވެރިކޮށް، އިންވެސްޓްމެންޓާއި މައުލޫމާތުގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވެސް، އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝްއާއި އިންޑިއާ ގުޅިގެން އުފެއްދި ސަސެކްގެ މެމްބަރުކަން ރާއްޖެއާ ސްރީލަންކާ އަށް ދިނުމަށް އޭޑީބީން ހުށަހެޅުމުން އެކަން އެގޮތަށް ކޮށްފައިވާ ކަމަށެވެ.
"... ސަސެކް އުފެއްދި ހަތަރުގައުމުކަމަށްވާ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ އަދި ނޭޕާލް، ގެ މިނިސްޓްރީ އޮފް ފައިނޭންސްގެ ޖޮއިންޓް ސެކްރެޓަރީން، އޭޑީބީގެ ހުށަހެޅުންތަކާ އެއްގޮތަށް އިއްތިފާގުން ނިންމާފައި ވަނީ ފުރިހަމަ މެމްބަރުންގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ސަސެކްގެ ހުރިހާ ބައްދަލުވުންތަކަކާއި އިވެންޓްތަކެއްގައި ފުރިހަމަ މެމްބަރުންގެ ގޮތުގައި ބައިވެރިވުމަށް. ރާއްޖެއާއި ސްރީލަންކާ ބައިވެރިކުރުމުން ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަމް (ސާކް) އާ ގުޅިގެން މަސައްކަތް ކުރަން ސަސެކްއަށް ފަސޭހަވާނެ. އެއީ ދެގައުމަކީ ވެސް ސާކްގެ ހަރަކާތްތެރި މެމްބަރުންނަށް ވާތީ،" މެކެންޒީ ވިދާޅުވި އެވެ.