އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ހުއްޓާލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަކި ގޮތަކަށް އަންގަވަން ދެން ނުވަތަ ޝަރީއަތުން އެ ޕްރޮޖެކްޓް ބާތިލުކުރަންދެން އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ޕްރޮޖެކްޓް ހުއްޓާލުމަށް އިމިގްރޭޝަނަށް އެންގުމަށް ފަހު އިއްޔެ ނެރުނު ބަޔާނާ ގުޅިގެން ގުޅިގެން، އިމިގްރޭޝަން އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިލްޔާސް މިއަދު ވިދާޅުވީ، މިހާތަނަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ނަޝީދުގެ އިރުޝާދާ ލަފާ ހޯއްދަވައިގެން، އެމަނިކުފާނު އެންގެވި ގޮތަކަށް ކަމަށެވެ.
~

އަދި ކެބިނެޓުން ނުވަތަ ނޭޝަނަލް ޕްލޭނިން ކައުންސިލުން ފާސްކުރާ ގޮތަކަށް އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް އޭސީސީން އިއްޔެ އެންގުމުން އެ ޕްރޮޖެކްޓައިގެން ކުރިއަށްގެންދިއުމުގެ "ފެހި ސިގްނަލް" ލިބިއްޖެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"މިހާރު މި ސިޓީން އަޅުގަނޑަށް އެނގިއްޖެ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ގޮތަށް ކުރިއަށް ގެންދަން މި އޮތީ ހުޅުވިފަކަން. އެހެންވީމަ އަޅުގަނޑުގެ އިސްވެރިންނާ އަޅުގަނޑު މަޝްވަރާކޮށްގެން އަޅުގަނޑު މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ފެހި ސިގްނަލް އިއްޔެއިން ފެށިގެން އެ ލިބުނީ. އެހެންވީމަ، އަޅުގަނޑަށް ފާޅުގައި މިކަމައިގެން ކުރިއަށްދާނެ މަގު އެ އޮތީ ދައްކަވާފައި،" 39 މިލިއަން ޑޮލަރަށް މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިލްޔާސް ވިދާޅުވި އެވެ.

އަދި އިތުރަށް ވިދާޅުވި އެވެ: "ރައީސް ވަކި ގޮތަކަށް ނާންގަވާހާ ހިނދަކު އަޅުގަނޑު ހަމަ ރައީސް އެ ވިދާޅުވާ ގޮތަށް މި މަސައްކަތައިގެން ކުރިއަށްދާނަން،"
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވަނީ، ޕްރޮޖެކްޓް ހުއްޓާލުމަށް ރައީސް ނަޝީދު އިލްޔާސަށް އަންގަވާފައިނުވާކަން މިއަދު ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕްރެސް ކޮންފަރެންސްގައި އިލްޔާސް މިއަދު އިތުރަށް ވިދާޅުވީ، އެ ޕްރޮޖެކްޓްގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާނެ ކަމަށާއި އެކަން އެހެން އޮތް ނަމަ، އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް މެދުވެރިކޮށް އެ މައްސަލަ ޝަރީއަތަށް ހުށަހެޅީސް ކަމަށެވެ. އަދި ޕްރޮޖެކްޓް ބާތިލުކުރުމަށް އޭސީސީ އަށް ނޭންގޭނެ ކަމަށާއި އެކަން ނިންމޭނީ ހަމައެކަނި ޝަރީއަތުން ކަމަށް ވިދާޅުވެ، އޭސީސީގެ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި އެބޭފުޅުންނަށް ]އޭސީސީ[ އަށް މި އެގްރިމެންޓް ބާތިލުކޮށްލާފައި އަލުން ]ޕްރޮޖެކްޓް[ އިއުލާންކުރާކަށޭ ވިދާޅެއް ނުވެވޭނެ. އެބޭފުޅުން އެ މައްސަލަ އޮތިއްޔާ ޝަރީއަތަށް ފޮނުވާ. ޝަރީއަތުން ނިންމާނީ މި އެގްރިމެންޓް ބާތިލުކުރަންވެއްޖެއްޔާ ބާތިލުކުރަންވާކަން. އެހެންނޫނީ އެއީ ހަމަ ހުސް ހަވައަށް ޖައްވު ތެރެއަށް ފަޒާއަށް އުފެދިގެންދާ ވާހަކަތައް ގޮތަށް ލިޔެފައި ހުރި ވާހަކަތަކެއް އެއީ. އިތުރަށް މި ގޮތްގޮތަށް އަނބުރާ ހޭރިޔާ ކުރުވަންވެގެން،" އިލްޔާސް ވިދާޅުވި އެވެ.

އަދި އޭސީސީގެ ނިންމުމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެ މައްސަލައަކީ އޭނާ މިހާރު ފުރުއްވަމުންގެންދަވާ ކޮންޓްރޯލާގެ ގޮނޑިއަށް އަންނަ "ސިޔާސީ ނަގޫރޯޅި" އެކެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ކަމަށާއި "އޭނާ ބޭނުންވެވަޑައިގަންނަވަނީ ކޮންޓްރޯލާއަކަށް ވާން" ކަމަށް ވެސް އިލްޔާސް ވެސް ވިދާޅުވި އެވެ.
"އޭނދަ ކޮޓަރީގައި އިންނާނެ އަޅުގަނޑުގެ ގޮނޑި. އެ ގޮނޑިއާ ދިމާއަށް އަންނަ ސިޔާސީ ނަގޫރޯޅިއެއް ގޮތުގައި، އެހާ ގަދަކަހަލަ ސިޔާސީ ގޮތެއްގައި މިކަންތައް މިދަނީ،"

އިލްޔާސްއާ އެކު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތްތެރިވާ ޓެކްނިކަލް ޓީމު ވެސް ބައިވެރިވެވަޑައިގެން، އޭސީސީން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރައްދު ދިނެވެ.
އެގޮތުން ޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިމިގްރޭޝަންގެ ޑިރެކްޓާ ޖެނެރަލް އަދި ޤާނޫނީ ވަކީލު އިބްރާހިމް އަފީފް ވިދާޅުވީ، ޕްލޭނިން ކައުންސިލަށް ހުށަހެޅި ރިކުއެސްޓް ފޯ ޕްރޮޕޯސަލާއި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އެ ޑޮކިއުމެންޓް ތަފާތު ކަމަށް އޭސީސީގެ ބަޔާނުގައި ބުނާ ނަމަވެސް، ޕްލޭނިން ކައުންސިލަށް ހުށަހެޅި ޑޮކިއުމެންޓަކީ އާރްއެފްޕީ ނޫން ކަމަށާއި އެއީ ހަމައެކަނި ޕްރޮޖެކްޓްގެ ދަށުން ކުރާ ކަންކަން ބަޔާންކޮށްފައިވާ ލިޔުމެއް ކަމަށެވެ.

އަދި އެ ލިޔުމުގައި ބަޔާންކުރާ ހުރިހާ ޓެކްނިކަލް ވަސީލަތްތަކެއް އާރްއެފްޕީގައި ނެތް ކަމަށް އޭސީސީން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި ނެކްސްބިޒްއާ އެކު އެއްބަސްވެފައި އޮންނާނީ އިމިގްރޭޝަނުން ބޭނުންވާ ހުރިހާ ވަސީލަތެއް ސިސްޓަމް ގާއިމްކުރާއިރު ހިމެނުމަށް ކަމަށް، ޕްރޮޖެކްޓުގެ ޓެކްނިކަލް ޓީމުގައި ހުންނެވި ޗީފް އިމިގްރޭޝަން އޮފިސާ އަހްމަދު ނަސީމް ވިދާޅުވި އެވެ.

"އެމީހުން ގާއިމްކުރަނީ ކަސްޓަމް މޭޑް ސިސްޓަމެއް. އޭގައި އަޅުގަނޑުމެން ބޭނުންވާ ހުރިހާ ބައެއް ރިކުއެސްޓް ކުރީމަ ގާއިމްކޮށްދޭ ގޮތަށް" ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން، އޭސީސީން ޕްރޮޖެކްޓް ހުއްޓުވާލުމަށް ނިންމި އިރު، ޓެކްޓިނަލް ޓީމާ އެއްގޮތަކަށް ވެސް މަޝްވަރާކޮށްފައިނުވާ ކަމަށާއި ނެކްސްބިޒް އިން ހުށަނާޅާ ކަމަށް ބުނާ ޕަވާ އޮފް އެޓާނީ ވެސް، އެ ކުންފުނިން ޕްރޮޕޯސަލާއެކު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮޖެކްޓުގެ ދަށުން ކުރަން ޖެހޭ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން، އެކަންކުރުމަށް އިތުރު ޚަރަދެއް ސަރުކާރުން ކުރަން ޖެހޭނެ ކަމަށް އޭސީސީން ބުނި ނަމަވެސް، އެ މަސައްކަތްކުރިއަށްގެންދިއުމަށް އިތުރު ޚަރަދެއް ނުހިނގާނެ ކަމަށާއި އިމިގްރޭޝަނުން ބުނާ ގޮތަކަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރު ސިސްޓަމް އަޕްގްރޭޑްކޮށްދޭން ނެކްސްބިޒް އިން އެއްބަސްވެފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

ބޯޑާ ސިސްޓަމް ގާއިމްކުރުމަށްފަހު ރާއްޖެ އެތެރެވާ ކޮންމެ ބިދޭސީއެއް އަތުން ދެ ޑޮލަރު އަދި ދޫކުރާ ކޮންމެ ވޯކް ވިސާ އަކަށް 15 ޑޮލަރު ނެގުމަށް އިމިގްރޭޝަނުން ނިންމާފައިވާއިރު، އޭސީސީން ބުނަނީ ޤާނޫނަކުން ފާސްނުކޮށް އެގޮތަށް ޓެކުހެއް ނެގުމަށް ނުނިންމޭނެ ކަމަށެވެ.

ނަމަވެސް، އަފީފް ވިދާޅުވީ، އެ ފީ ނަގަނީ މިހާރު ވެސް ހުރި ޤާނޫނުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ އެގްރިމެންޓުގައިވާ މާއްދާއެއްގެ ސަަބަބުން "ސަރުކާރަށް ނުއުފުލޭ ވަރުގެ ބުރައެއް" ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އޭޖީ އޮފީހުގެ ލަފައާ އެއްގޮތަށް އެގްރިމެންޓް އިސްލާހުކޮށްފައިނުވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި ކަމަށް އޭސީސީގެ ބަޔާނުގައިވާ ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި އޭޖީ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަލީ ޝުޖާއު ވަނީ އިސްލާހުކުރެވުނު އެގްރިމެންޓް އަޅާ ކިޔުމަށްފަހު، އެގްރިމެންޓްގައި ސޮއިކުރުމަށް ޤާނޫނީ ގޮތުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފަ ކަމަށް އަފީފް ފާހަގަކުރެއްވި އެވެ.

އަދި ޝުޖާއު ސޮއިކުރައްވާފައިވާ ސިޓީގެ ކޮޕީވެސް މީޑިއާއަށް ދިނެވެ. "އެއްބަސްވެވުނު އިސްލާހުތަކާއެކު ]އެގްރިމެންޓުގައި[ ސޮއިކުރުމާމެދު ޤާނޫނީ ގޮތުން އިއުރިޒާޒްކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ" ކަމަށް އޮކްޓޯބަރު 17، 2010 ގައި ޝުޖާއު ސޮއިކުރައްވާފައިވާ އެ ސިޓީގައި ވެއެވެ.

އޭސީސީން އެގްރިމެންޓްގައި ސޮއިނުކުރުމަށް އަންގާފައިވަނިކޮށް، އެކަން އިމިގްރޭޝަނުން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ގަ އެވެ. ނަމަވެސް، އިމިގްރޭޝަނުން މިއަދު ވެސް ބުނީ، އޭސީސީން އެގްރިމެންޓުގައި ސޮއިނުކުރަން އެންގުމުގެ ކުރިން ވެސް އެގްރިމެންޓުގައި ސޮއިކޮށް ނިމިފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ، މިހާރު ގާއިމްކޮށްފައި ހުރި ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އަންނަ އަހަރު އެ ސިސްޓަމް އެއް ގޮތަކަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ.


----------------------------------------

(11:30)

ވަކި ގޮތަކަށް އަމަލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން 39 މިލިއަން ޑޮލަރުގެ އިމްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ހުއްޓާނުލައި ކުރިޔަށް ގެންދަވާނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބަޔާން ނެރުމާ ގުޅިގެން، ނޫސްވެރިންނާ ބައްދަލުކުރައްވާ އިލްޔާސް މިއަދު ވިދާޅުވީ، އެ ޕްރޮޖެކްޓަށް "ފެހި ސިގްނަލު" ދެއްވީ ރައީސް ނަޝީދު ކަމަށާއި އެމަނިކުފާނު ވަކި ގޮތަކަށް އަމަލުކުރަން އަންގަވަން ދެން އެ ޕްރޮޖެކްޓު ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓު ހިންގުމުގައި ކޮރަޕްޝަނުގައި އަމަލެއް ހިންގައިފައިވާ ނަމަ އެ މައްސަލައެއް ޝަރީއަތަށް ހުށަހެޅުއްވުމަށް ވެސް އިލްޔާސް ވަނީ އޭސީސީ އަށް ގޮވާލައްވައިފަ އެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ، ކެބިނެޓުން ނުވަތަ ޕްލޭނިން ކައުންސިލުން ފާސްކުރާ ގޮތަކަށް ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ރިއުއެސްޓް ފޯ ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު، އަލުން ބިޑަށް ލައިގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް، އިލްޔާސް މިއަދު ވިދާޅުވީ، އެ ޕްރޮޖެކްޓު މިހާރު ވެސް ކުރިއަށް ގެންދަނީ ޕްލޭނިން ކައުންސިލުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އެންގެވި ގޮތަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދި މިހާތަނަށް ވަކި އިތުރު އެންގުމެއް އަންގަވާފައި ނުވާކަން ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ، އެފަދަ އެންގުމެއް ނާންނަހާ ހިނދަކު އެ ޕްރޮޖެކްޓުގެ ކަންތައްތައް ކުރިން ހުރި ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޕްރޮޖެކްޓް ހުއްޓާލުމަށް އިމިގްރޭޝަނަށް ރައީސް ނަޝީދު އަންގަވާފައިނުވާނެ ކަން ކަށަވަރުކޮށްދެއްވި އެވެ.


)ތަފުސީލު އަންނަނީ(