25 Oct 2014, 11:01
މާލެ އަތޮޅު އެނބޫދޫ ފަރު ކައިރިން ދެ ލޯންޗެއް ޖެހި މިދިޔަ ހަފްތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑަތި އަނިޔާތަކެއް ލިބުނު މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ)ގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އޭނާގެ ފިރިމީހާ ބުނެފި އެވެ.
އެ އެކްސިޑެންޓާ ގުޅިގެން އުނޫސާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނަވަލޯކާ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރަށް އޭނާ ވައްދާފައި ވަނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު އެވެ.
އުނޫޝާގެ ފިރިމީހާ އިބްރާހިމް ހަމީޝްގެ އޭނާގެ ފޭސްބުކްގައި މިއަދު ބުނެފައި ވަނީ ލަންކާ އަށް ގެންދިއުމަށް ފަހު ހުރިހާ ޓެސްޓުތައް އަލުން ހަދާފައިވާ ކަމަށެވެ. އަދި ލަންކާގެ ޑޮކްޓަރެއް އުނޫޝާގެ ސީޓީ ސްކޭންތައް ބެލުމަށް ފަހު މޫނު މައްޗަށް ލިބިފައިވާ އަނިޔާތަކަށް އޮޕަރޭޝަން ކުރަން އެދިފައިވާ ކަމަށް ހަމީޝް ބުންޏެވެ.
"ޑޮކްޓަރު ބެއްލެވުމަށް ފަހު ބުނީ ކަނާތް ފަރާތު ލޮލުގެ ތިރިން ކަށިކޮޅެއް ކުޑަކޮށް އެތެރެ އަށް ގޮސްފައިވާ ކަމަށް. އަދި ހަމަ އެ ފަރާތު މޫނު މަތިން ވެސް ވަނީ ކަށިތަކަކަށް ގެއްލުންވެ ނާރަކަށް ގެއްލުންވެފައި. އެހެންވެ އަވަހަށް ރަނގަޅު ކުރުމަށް ކަށިތައް ކުޑަކޮށް އެޖެސްޓްކުރަން ބޭނުންވާނެ ކަމަށް ޑޮކްޓަރު ވިދާޅުވީ،" ހަމީޝް ބުންޏެވެ.
އޭގެ އިތުރުން އެމްއާރުއައި އާއި އެކްސްރޭ ބެލުމަށް ފަހު އުނޫޝާގެ މައިބަދަ އާއި ކަރަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ފަރުވާއެއް ދިނުމަށް ބޭނުން ވަނީ ރަނގަޅު ކަސްރަތު ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ހަމީޝް ބުނެފައިވެ އެވެ.
ހަމީޝް ބުނީ އެކްސިޑެންޓުގައި އުނޫޝާގެ ސިކުނޑި އަށް އަދި ފުއްޕާމެ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި އުނޫޝާ އަށް ލިބިފައިވާ އަނިޔާތައް މޮނިޓާކޮށް އިތުރަށް ބެލުމަށް އޭނާ ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވާނެ ކަމަށެވެ.
އުނޫޝާ އަށް ފަރުވާ ދިނުމަށް ލަންކާ އަށް ފުރާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާ އަށް ފަރުވާ ދެއްވަނީ ލަންކާގެ މަޝްހޫރު ޑޮކްޓަރު، ޑރ. ސިރީރަތާ އެވެ.