ފޭރެން މަސައްކަތް ކުރުމުން ބަރަހަނާ ހާލުގައި ހުރެ މަގުމައްޗަށް ނުކުތް ބިދޭސީއަކު ސަލާމަތް ވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 10:00 ޖަހާކަންހާ އިރު ބުރުޒުމަގުން ހިނގާފައި ދިޔަ ބިދޭސީއަކު ހިފަހައްޓައި ދިވެހި އަންހެން ކުއްޖަކު ވަނީ ބުރުޒުމަގުގައި ހުރި ގެއަކަށް އޭނާ ވައްދައިފަ އެވެ. އަދި އެގެއަށް އޭނާ ވައްދައި ދިވެހި އަންހެން މީހާއާއި ދިވެހި ފިރިހެނަކު ވެގެން އެ ބިދޭސީ މީހާގެ އަތުން ފޭރެން ވަނީ މަސައްކަތްކޮށްފަ އެވެ.

"އެބިދޭސީ މީހާގެ ފޯނާއި ފައިސާ އަތުލުމަށް އެދެ މީހުން ވަނީ މަސައްކަތްކޮށްފައި، އެ ބިދޭސީ މީހާ ސަލާމަތް ވުމަށް މަގުމައްޗަށް ނުކުމެ ދުއްވައި ގަތީ،" ސަން އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

އެނގިފައިވާ ގޮތުން އެ ބިދޭސީމީހާ އެމީހުންގެ ފަރާތުން ސަލާމަތް ވުމަށް އެގެއިން މަގުމައްޗަށް ނުކުތް އިރު ބިދޭސީ މީހާ ހުރީ ބަރަހަނާ ހާލުގަ އެވެ. އަދި ފުލުހުން އެވަގުތު ވަނީ އެބިދޭސީ މީހާ ސަލާމަތްކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބިދޭސީއެއް ގެއަކަށްވެއްދުމަށް ފަހު ފޭރެން އުޅުމުގެ ތުހުމަތުގައި ދިވެހި އަންހެނަކާއި ފިރިހެނަކު ރޭ ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.