އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާމާލް އަލީ އާ ގުޅޭގޮތުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހެޅި ޝަކުވާތައް ކޮމިޝަނުން ބަލަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް މުވައްޒަފުން މީޑިޔާ އަށް އެވަހާކަ އާންމު ކުރިކުރުމަކީ ސިވިލް ސާވިސް މުވައްޒިފުންގެ ޕުރޮފެޝަނަލިޒަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއާ މެދު ހިތްހަމަ ނުޖެހިގެން އެ މިނިސްޓްރީގެ މުވައްޒިފުންތަކެއް ހުށަހަޅާފައިވާ ޝަކުވާތައް އާންމު ކުރުމުން ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އެ ޝަކުވާ ތައް ސީއެސްސީން ބަލަމުންދަނިކޮށް، އެކަމަށް ފުރުސަތު ނުދީ އާމާލާއި އެ މިނިސްޓްރީގެ ފަންނީ ބައެއް މަސައްކަތްތަކާއި ބެހޭ މައުލޫމާތު ސިވިލްސާވިސްގެ ޒިންމާދާރު މުވައްޒިފުންތަކެއް މީޑީއާތަކުގައި އާންމު ކުރިކުރުމަކީ މުޅި ސިވިލް ސާވިސްގެ މުވައްޒިފުންގެ ޕްރޮފެޝަނަލިޒަމާ މެދު ސުވާލު އުފެއްދުމަށް ފުރުސަތު އޮތް ކަމެއް ކަމަށް ދެކޭ ކަމަށެވެ.
"ކޮމިޝަނުން މި މައްސަލަ ބަލައި ގޮތެއް ނިންމުމަށް، ކޮމިޝަނަށް ފުރުސަތު ދިނުމެއްނެތި، ޒިންމާދާރު ސިވިލްސާވިސްގެ މުވައްޒިފުންތަކެއް މިގޮތަށް އަމަލުކުރައްވާފައި ވުމަކީ، ސިވިލްސާވިސްގެ މުވައްޒިފުންގެ ޕްރޮފެޝަނަލިޒަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތްކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ،" ސީއެސްސީގެ ބަޔާނުގައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގެ 44 މުވައްޒިފަކު ސޮއިކޮށް އާމާލް، ސިވިލް ސާވިސްގެ ގާނޫނާ އަދި ވަޒީފާއާ ބެހޭ ގާނުނާ ހިލާފަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ ސީއެސްސީގެ ރައީސަށް ވަނީ ސީޓިއެއް ފޮނުވާފަ އެވެ.

ސީއެސްސީގެ ބަޔާނުގައި ބުނަނީ އެ ކޮމިޝަނުގެ މުވައްޒިފަކާ ގުޅޭގޮތުން މައްސަލައެއް އޮތްނަމަ އެކަން ސިވިލްސާވިސްއަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަށާއި އެފަދަ ޝަކުވާތައް އެކޮމިޝަނުން އަބަދުވެސް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޕާމަނަންޓް ސެކްރެޓަރީއެއްގެ ނުވަތަ އެހެންވެސް ސިވިލް ސާވިސްގެ މުވައްޒިފަކު އަމަލުކުރަމުންދާ ގޮތަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން ޕްރޮފެޝަނަލް ގޮތެއްގައި އެ މައްސަލައެއް ކަމާ ބެހޭ ފަރާތަކަށް ހުށަހެޅުމަށް ސިވިލްސާވިސްގެ މުވައްޒިފުންނަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ބަޔާނެއް މެދުވެރިކުރައްވައި ސިވިލްސާވިސް ކޮމިޝަންގެ ރައީސް ވަނީ ހުރިހާ ސިވިލްސާވެންޓުން ވެސް އެ މުވައްޒިފުންގެ މައްސަލަތައް ހައްލުކުރުމުގައި ޒާތީ ތައްސުބުން އެއްފަރާތްވެ، އެއްބައިވަންތަވެ މަސައްކަތައް ފަހި މާހައުލެއް ބިނާކޮށް ދިނުމަށް މުވައްޒިފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.