ހއ. މުރައިދޫގައި ރުކަކުން ވެއްޓުނު މީހަކަށް އަނިވެ، ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މުރައިދޫ ކައުންސިލް މެމްބަރު ހަސަން ޒިޔާދު ވިދާޅުވީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ރުކުން ވެއްޓި އަނިޔާ ލިބިފައި ވަނީ ހއ. މުރައިދޫ، ދެކުނުގޭ އަބްދުލްހާދީ،28 ކަމަށެވެ.

އޭނާ ރުކުން ވެއްޓިފައި ވަނީ އެ ރަށު ފުޓުބޯޅަ ދަނޑު ސާފުކުރަން އެތަނުގައި ހުރި ރުކެއް ކަނޑާލުމަށް ޓަކައި އެ ރުކުގައި ވާއައްސަން ރުކަށް އަރައި އޮއްވައި ޅާނބު ނެއްޓިގެން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން މިއަދު ވިދާޅުވީ އެމީހާގެ "މައިބަދައިގެ ދެ ޑިސްކު ގުޑާފައި"ވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާނުދެވި ގިނައިރުތަކެއް ވެއްޖެ ނަމަ އިތުރަށް ގޯސްވުމަކީ އެކަށީގެންވާކަމެއް ކަމުގައި ވާތީ އޭނާ މާލެ ނޫން ނަމަ ކުޅުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވި އެވެ.