23 Oct 2014, 20:17
އެންމެ ފަހުގެ މޯބައިލް ޓެކްނޮލޮޖީކަމަށްވާ އެލްޓީއީ އެޑްވާންސްޑް ނެޓްވޯކު އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފި އެވެ.
އުރީދޫއިން ބުނީ، އެލްޓީއީ އެޑްވާންސްޑް ނެޓްވޯކު މެދުވެރިކޮށް 300 އެމްބީޕީއެސްއާ ހަމައަށް ސްޕީޑު ލިބޭނެ ކަމަށެވެ.
"މިއަދު ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަ ކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެލްޓީއީ އެޑްވާންސްޑް ނެޓްވޯކުގެ ޓެސްޓުތައް ވަނީ ކުރެވިފައި. މެދުކެނޑުމެއްނެތި 150 އެމްބީޕީއެސް އަށްވުރެ މަތިން ސްޕީޑު ލިބުމާއެކީ މޯބައިލް ޓެކްނޮލޮޖީ އޭގެ އެންމެ ފުރިހަމަކަމާ އެކު ތަޖުރިބާކޮށްލެވޭނެ." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އެލްޓީއީ-އޭ ނެޓްވޯކު މެދުވެރިކޮށް އަލްޓްރާ ފާސްޓް ސްޕީޑު ލިބުމަށް މެދުވެރިވަނީ 'ކެރިޔާ އެގްރިގޭޝަން'ގެ ސަބަބުންނެވެ. އެހެން މެދުވެރިވަނީ ގިނަ ފްރީކުއެންސީތަކެއް އެއްކޮށްލުމުން ކަސްޓަމަރުންނަށް ބޮޑު ބޭންޑްވިތެއްގައި އިންޓަނެޓްގެ ޚިދުމަތް ލިބުމުންނެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެންމެ ކުރީގައި ތިބެން. އަދި މިއަދު އެންމެ ފަހުގެ ޖީލުތަކުގެ ސްމާޓްފޯނުތައްކަމަށްވާ ސެމްސަންގް ގެލެކްސީ އަލްފާ ފަދަ ފޯނުތަކަށް އެލްޓީއީ-އޭ ސަޕޯޓްކުރާ އިރު، އަޅުގަނޑުމެން މިތިބީ އެއަށް ސަޕޯޓްކުރާ ނެޓްވޯކާ އެކު،" ވިކްރަމް ސިންހަ ވިދާޅުވިއެވެ.
އުރީދޫއިން ބުނީ، އެކުންފުނީގެ އެލްޓީއީ-އޭ ނެޓްވޯކު މާލޭގައި މިހާރު ތަޖުރިބާކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެލްޓޯއީ-އޭ ނެޓްވޯކް އުރީދޫއިން ތައާރަފް ކޮށްފައިވާއިރު، އެ ކުންފުނީން މީގެ ކުރީން 2005 ވަނަ އަހަރު ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ޓޫޖީ/އެޖް އާއި 2008 ވަނަ އަހަރު 3ޖީ ޕްލަސް ނެޓްވޯކާއި އަދި މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯޖީ އެލްޓީއީ ނެޓްވޯކް ވެސް ތައާރަފްކޮށްފައެވެ.