25 Jan 2011, 10:23
ނިޔުޔޯކް: އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތްކުރުމުގައި ފޭލްވެ ވަޑައިގެންފައިވާ ކަމުގެ ތުހުމަތު އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ މައްޗަށް ކުރެވިއްޖެއެވެ.
ބާންކީ މޫންގެ މައްޗަށް މިތުހުމަތު ކޮށްފައިވަނީ ފުޅާދާއިރާއެއްގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ އެއްކަމަށްވާ ހިޔުމަން ރައިސްޓްސް ވޮޗް އިންނެވެ. މިޖަމްޢިއްޔާއިން ނެރުނު އަހަރީ ރިޕޯޓްގައި އިންސާނީ ހަޢްޤުތަކަށް އަރައިގަންނަމުންގެންދާ ޤައުމުތަކުގެ ސަރުކާރުތަކަށް ފިއްތުންތައް ކުރިމަތިކުރުވައިގެން މިކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ބާންކީ މޫން ނުކުރައްވާ ކަމަށް ބުނެފައިވެއެވެ.
ހިޔުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި އިންސާނީ ޙައްޤުތަކުގެ ނަމުގައި ވަކާލާތުކުރާ އަދި ޑިމޮކްރެޓިކް އުސޫލުތައް ގެންގުޅޭ ބޮޑެތި ޤައުމުތަކުންވެސް އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުން ގެންދާކަން ފާހަގަ ކޮށްފައިވެއެވެ. އަދި މިފަދަ ޑިމޮކްރެޓިކް ޤައުމުތަކުގެ މަސްލަޙަތު އޮތް ޤައުމަކުން އިންސާނީ ހައްޤުތަކަށް ކިތަންމެ ވަރަކަށް އަރައިގަންނަމުން ގެންިދޔަ ނަމަވެސް މި ޤައުމުތަކުން އެކަމާ އަޅާނުލާކަމަށްވެސް ބުނެފައިވެއެވެ.
ބާންކީ މޫންގެ މައްޗަށް ކުރެވުނު، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތްކުރުމުގައި ފޭލްވެ ވަޑައިގެންފައިވާ ކަމުގެ ތުހުމަތަށް އޭނާގެ އޮފީހުންވަނީ ދެކޮޅުހަދާފައެވެ. މިކަމަށް ރައްދުދީ ބާންކީ މޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުމުގައި ބާންކީ މޫން ބޭނުންކުރައްވަނީ މަޑުމައިތިރި ޑިޕްލޮމަސީ ކަމަށް ބުނެ އޭނާގެ ދިފާޢުގައި ވާހަކަ ދައްކާފައިވެއެވެ. -- ބީބީސީ